2023 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވާނަމަ ބޭއްވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމނައިގެން ކަމަށް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި” އައްޑަނަ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބް ރައީސް ވިދާޅުވީ ރާއްޖޭގައި ދެން ރިޔާސީ އިންތިޚާބެއް ބާއްވާނަމަ ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން ކަމަށާއި އެހެންނޫނީ ރާއްޖޭގައި 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ނުބޭއްވޭނޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި އަދިވެސް ހެޔޮވެރިކަމެއް ކުރަން ރައީސް ޔާމީން އެނބުރި އަންނާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ.
ރޭ ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްވަކަމުން މާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ދެން އަންނަ ރިޔާސީ ދައުރެއްގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްފަހު އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރުން ތިއްބަވަން ޖެހޭނީ ޖަލުގައި ކަމަށެވެ.
މަނީލޯންޑްރިންގެ އަމަލު ހިންގިކަމުގެ ތުހުމަތުގައި އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ ފަސްއަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. އެމައްސަލަ މިހާރުވަނީ ސްޕްރީމްކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާއިރު ކްރިމިނަލް ކޯޓުގައި ވަނީ އެމަނިކުފާނާ ދެކޮޅަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ، ލޯންޑަރކުރިކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ފަށާފައެވެ. އަދި ރިސޯޓެއް ތަރައްގީކުރަން އާރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

