ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ގައުމީ ގުރުއާން މުބާރާތް އިތުރަށް ވަރުގަދަކޮށް، މުބާރާތުގެ ވާހަކަ ރަން އަކުރުން ފަވާލެވޭނެކަމާމެދު ޝައްކުނުކުރައްވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވާތާ 36 އަހަރު ވެގެންދިޔައިރު މި މުބާރާތަކީ އޭގެ ޒާތުގައި މަދަރުސާއެއްކަމަށެވެ. އަދި މިއީ ވަރަށް ގިނަ ހުނަރުވެރި ފަންނުވެރި މޮޅު ދަރިވަރުން، މުދައްރިސުން، އުސްތާޛުން އޭގެ ތެރެއިން ނެރުނު ބޮޑު ހަރަކާތެއްކަމަށެވެ.
“އިޙްސާންތެރިވުމަށް، އުޚޫވަތްތެރިކަން ދެމެހެއްޓުމަށް، އެއްބައިވަންތަވުމަށް، މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތުމަށް، ޤީބަ ނުބުނަމަށް، ފުރައްސާރަނުކުރުމަށް، އެކަކު އަނެކަކަށް އަޅާލުމަށް، އަނބިދަރިންގެ ޙައްޤުތައް އަދާކުރުމަށް، އިޙްތިރާމްކުރުމަށް، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް، ރައްޔިތުންގެ ޙައްޤުތައް އަދާކޮށްދިނުމަށް، ޢަދުލް ޙުކުމް ކުރުމަށް، މިގޮތަށް ޤުރްއާނުގައި ބަޔާންވެފައިވާ ވަރުގަދަ އިޖްތިމާޢީ އަޙްލާޤިއްޔާތު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޤާއިމުކުރެވިއްޖެކަމަށްވަނީނަމަ އެއީ ޙަޤީޤީ ބާއްޖަވެރިކަމަކީ. އެހެންވީމަ މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެކަމަށްޓަކާ.”
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، އެ ވުޒާރާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކީރިތި ޤުރްއާނުގެ ޢިލްމު ދިވެހިރާއްޖޭގައި ފެތުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅުގޮތުންވެސް މިކަމަށް ދެއްވާ އަޙައްމިއްޔަތުކަމަށެވެ. އަދި ޒުވާން ޖީލަށް ކީރިތި ޤުރްއާން އުނގެނި، އުނގަންނައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަންތައްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

