ހާފިޒުން އުފައްދަން ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
“ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނަން. މާލީ ގޮތުން. ވަސީލަތުގެ ގޮތުން. އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސްމެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ޢަމަލުން މި ކަމުގައި ވެސް ނަތީޖާ ފެންނަން”
ކީރިތި ޤުރްއާނުގެ ޢިލްމާއި ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ވެސް ޚާއްޞަ ވިސްނުންތަކެއް ތަންފީޒުކުރަމުންގެންދާ ކަމަށާއި އެ ގޮތުން މި ވަގުތު މާލޭގައި ހުރީ “ދާރުލް އީމާން”ގެ އިތުރުން އިތުރު ވަޤުފް އިމާރާތްތަކެއް ސަރުކާރުން ޤާއިމްކުރާނެކަމަށް ރައީސް ވިދާލުވިއެވެ.
މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނާ ދިނުމުގެ ދާއިރާއަށާއި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކަށް އިންޤިލާބީ އިޞްލާޙީ ބަދަލެއް އަންނާނެކަމަށާއި އެމަނިކުފާނު ދެކެން ބޭނުންވަނީ އެދުވަސްކަން ފާހަގަކުރައްވައި ރައީސް ވަނީ ކީރިތި ޤުރުއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެކަން ފާހަގަކުރައްވާފައެވެ.

