ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކީރިތި ޤުރުއާނަކީ ހިތްތަކުގެ ނޫރުކަމަށާއި، ކީރިތި ޤުރްއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރުކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
“އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން.”
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކީރިތި ޤުރްއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެކަމަށާއި ނިހާޔަތަށް ޝައުޤުވެރިވާނެކަމަށެވެ. އަދި އަޅުގަނޑުމެންގެ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށާއި، އަޅުގަނޑުމެން އިލްހާމާއި އިރުޝާދު ލިބިގަންނަ ދަރެސްގާހަކީ މާތްވެގެންވާ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށްވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ.

