މިފަހަކަށް އައިސް، މަހުން މަހަށް ކަރަންޓު ބިލުތައް އިންތިހާ ދަރަޖައަށް ބޮޑުވަމުން އަންނާތީވެ އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައިވާއިރު އެ މައްސަލަ 61 މެންބަރުންގެ ވޯޓާއެކު ބަލައިގެންފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްއެވެ.
ފެނަކަ އަދި ސްޓެލްކޯ، ދެކުންފުންޏަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާއިރު ފަހަކަށް އައިސް ކަރަންޓު ބިލްތައް އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައިވާ ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވައި މުހައްމަދު އިބްރާހިމްް ވިދާޅުވީ މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް ގޮވައިލައްވާ ކަމަށެވެ.
“ސަރުކާރުގެ ފަރާތުން ކަރަންޓު ފޯރުކޮށްދެއްވަމުން ގެންދަވާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަ އާއި ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަރަންޓަށް ކުރަމުންގެންދާ ބިލްތައް ފާއިތުވީ މަސްތަކުގައި އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާތީވެ މިކަންކަން ބަލައި ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލަން.” މުހައްމަދު އިބްރާހިމްް ވިދާޅުވިއެވެ.
މިއަހަރު އޭޕްރީލް މަހުން ފެށިގެން ކަރަންޓު ބިލު ބޮޑުވެގެން ސްޓެލްކޯއަށް ޝަކުވާ ހުށަހަޅައި މީސް މީޑިއާގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމުގައި މުހައްމަދު އިބްރާހިމްް ވަނީ ވިދާޅުވެފައެވެ. ހާއްސަކޮށް މި ވޭތުވެދިޔަ މަސްތަކުގައި ރީޑިންގ ނަގާފައިވާ ބިލްތައް އަދި އޭގެ ކުރީ މަސްތަކަށްވުރެ ބޮޑުކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންކަން ވެސް މުހައްމަދު އިބްރާހިމްް ވަނީ ފާހަގަކުރައްވާފައެވެ.
ސްޓެލްކޯއިން ލުއި ދިނުމުން ވެސް ކަރަންޓު ބިލް ބޮޑުވި ގޮތުގެ ތަފްސީލު ހޯދަން އެދުމުން އެ ތަފްސީލު އަދި ލިބޭ ގޮތެއް ނުވާ ކަމަށާއި ތަފްސީލު ލިބުނު ބިލްތައް ހަދާފައިވަނީ އެވްރެޖް ބިލްތަކެއްގެ ގޮތުގައިކަން މުހައްމަދު އިބްރާހިމްް ފާހަގަކުރެއްވިއެވެ. އެހެންވެ، މިކަމުގައި އަވަސް ހައްލެއް ހޯދައި ދިނުމަށް މުހައްމަދު އިބްރާހިމްް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
މި ކުއްލި މައްސަލަ މަޖިލީހުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓާއެކީ މަޖިލީހުން ވަނީ ބަލައިގެންފައެވެ.
ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތައް ދަނީ އެބައިމީހުންގެ ގޭގޭގެ ހާލަތު ކިޔައިދީ އެވަރުގެ މަދު މީސްކޮޅަކާއި ކަރަންޓު ބޭނުންކުރާ ސާމާނު އެހާ މަދު ގޭގޭގެ ބިލުތައް ބޮޑެތި އާއިލާތައް އެކުގައި އުޅޭ ގޭގޭގެ ބިލުތަކާއި އަދި ހޮޓާހޮޓަލުގެ ގެސްޓްހައުސްތަކުގެ ބިލުތަކާ އެއްވަރުވާން ޖެހޭ ސަބަބު ބުނެދިނުމަށް އެދި އިލްތިމާސްކުރަމުންނެވެ. ބައެއް ފަރާތްތަކުން ހާމަކޮށްފަައިވާ ގޮތުގައި އެމީހުންގެ ގޭގައި އޭސީ އެއް، އައިސްއަލަމާރިއެއް، ޓީވީ، ކޮމްޕިއުޓަރ ފަދަ އެއްޗެސް އެއްޗެއް ނުހުރެއެވެ. ގޭގައި ދިރިއުޅެނީ ވަޒީފާ އަދާ ކުރާ ދެމަފިރިން ކަމަށާއި ދެމީހުންގެ ކެއުންވެސް ހަމަޖެހިފައި ވަނީ ބޭރުންކަމަށްވުމުން ގޭގައި ހޭދަކުރެވެނީ ރޭގަނޑު ނިދާ ވަގުތުގައާއި ހެނދުނު ގަޑިން ނުވައެއް ޖެހުމާ ހަމައަށ ކަމަށް ވާއިރު ކަރަންޓު ބިލު 5 ހާހުން 8 ހާހުން މަތިވަމުން ދިއުމަކީ ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާ މި މައްްސަލައަށް ހައްލު ހޯދައިދޭނީ މި ސަރުކާރުން ކަމަށް ސަރުކާރުން ދަނީ ހާމަކުރަމުންނެވެ.

