ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލިސް އިދާރާއިން ކަރަންޓު ކެނޑުނީ ޖަލްސާގެ ދެވަނަ ދަންފަޅި ކަމަށްވާ، މެންދުރު ދަންފަޅި ފެށުނުތާ އިރުކޮޅެއް ފަހުންނެވެ.
އެއަށްފަހު ފަސްވަރަކަށް މިނެޓްގެ ތެރޭގައި އަލުން ޖަލްސާ ފެއްޓެވިއެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަނިކޮށް ކަރަންޓް ކެނޑުމުން ލައިވް ފީޑް ކެނޑި މަޖިލީހުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ކަރަންޓް ކެނޑިފައި އޮންނަތާ 10 ވަރަކަށް މިނެޓު ފަހުން ބެކަޕް ޖަނަރޭޓަރުގެ ބޭނުން ކޮށްގެން އަލުން ކަރަންޓު ލިބުނު ނަމަވެސް މަޖިލީހުގެ ޗެމްބަރަށް އެކަނި ކަރަންޓް ލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމަބަރު އަހުމަދު ނާޒިމު ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވައިލައްވަފައެވެ.
މަޖިލީހުން ކަރަންޓް ކެނޑި މަސައްކަތް ހުއްޓާލަން ޖެހިފައިވާ އިރު މިއަދު 14:00 ގައި ހިއުމަން ރައިޓްސް އެންޑް ޖެނަޑާ ކޮމިޓީގައި ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރަން އޮތީ އެޖެންޑާ ކޮށްފައެވެ. ހަމަ އެއާއެކު މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތަށް ގަވާއިދު ކޮމިޓީވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

