ގުރޫޕަކުން ދިވެހި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ އަށް ވަނަ ދުވަހު ހުޅުމާލޭގައި ހިންގި މާރާމާރީގައި ޒަހަމްވެފައިވަނީ މ. ރަތްމަންދޫ އަހުމަދު ނަޒީފު ނަމަކަށް ކިޔާ ޒުވާނަކަށެވެ. ސޯޝަލްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުންވެސް ނަޒީފަށް ލިބިފައިވާ އަނިޔާގެ ސީރިއަސް ކަން ހާމަވެއެވެ.
މި މާރާމާރީގައި ނަޒީފުގެ ބޮލުގެ ފުށްކިބައިގެ ބޮޑުތަނެއް ފަޅާލާފައި ވާއިރު، ނިތްކުރިމަތިވެސް ވަނީ ފަޅާލާފައެވެ. ލޯކައިރިވެސް ދުޅެވެފައި އޮތްއިރު ނަޒިފުގެ ސިކުނޑިއަށްވެސް ވަނީ ލޭ އެޅިފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މާރާމާރީގެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވި ނަމަވެސް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

