ކަރަންޓުގެ މައްސަލަ ހައްލުކުރަން މ. މުއްޔަށް އާ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިފަދައިން ބުނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ފެނަކަ އިން ބުނީ މ. މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދިމާވި ވަގުތުން ފެށިގެން ފެނަކައިގެ ޓީމުތަކުން ދަނީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
ހަމައެހެންމެ އެ ކޯޕަރޭޝަނުން ބުނީ މިވަގުތު އިތުރު 600 ކވ ގެ އައު ޖަނަރޭޓަރެއް މުއްޔަށް ގެންދެވިފައިވާ އިރު އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ފެނަކައިން ވަނީ މި ހާލަތުގައި ރައްޔިތުންނަށް ދިމާވެދާނެ އުނދަގޫތަކަށް މައާފަށް އެދިފައެވެ.
މުލީގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން އެރަށުގެ ކައުންސިލަރަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެއިން ފެށިގެން ކަރަންޓު ފޯރުކޮށްދެމުން ދިިޔައީ ޒޯންތަކަށް ބަހާލައިގެން 30 މިނެޓަށް ކަމަށްވެއެވެ.

