ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތަައްތަކާ ބެހޭ ވުޒާރާ އަށް ދިހަ ކޮމްޕިއުޓަރު ސިސްޓަމާއި ހަތް ލެޕްޓޮޕް ހަދިޔާ ކޮށްފި އެވެ.
ހަދިޔާ ކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ލެޕްޓޮޕްތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށް ދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާ ހަވާލުވެވަޑައިގެންނެވީ އެވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނުގެ ސަފީރު ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ދެ ގައުމު ގުޅިގެން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޑރ ޝަހީމް ވަނީ ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް، ހާއްސަކޮށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

