އައްޑޫ ޕޮލިސް އެކަޑަމީގެ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ފަރުވާ ދޭން ޖެހުނު ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ޝުކުރު ދަންނަވައިފިއެވެ.
މި ހާދިސާގައި އައްޑޫސިޓީ އައްޑޫ ސިޓީގައި ގާއިމުވެފައިވާ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވަމަށާއި ހާއްސަކޮށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުން، ސަދަން ރީޖަންގެ ސިފައިން، ދާޚިލީ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލު، ރެޑް ކްރެސެންޓު، ޕަބްލިކް ހެލްތު، ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމަށާއި އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދޭން ޖެހުނެވެ. އަދި އައިސީޔޫގައި ފަރުވާދެމުންދާ 2 ދަރިވަރުން ފިޔަވައި އެހެން ހުރިހާ ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އައިސީޔޫގައި މިހާރު ފަރުވާދެމުންދާ 2 ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގި ގޮތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާކަމަށާއި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

