ބަނބުކޭލަކީ ދިވެހިންގެ މެދުގައި ވަރަށް އާންމު އެއްޗެކެވެ. ގިނަ ބަޔަކަށް ވަރަށް ކަމުދާ ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރުކުރަން ބޭނުންކުރާ އެއްޗެކެވެ. ސިއްޙަތައް ފައިދާ ހުރި ރަނގަޅު ކާނާއެކެވެ.
ދިވެހިން ބަނބުކެޔޮ އާންމުކޮށް ކަނީ ތެލުލައިގެންނާއި ފިހެގެންނެވެ. ބޮނޑިބަތާއި ރިހަ އާއި ކިރު ގަރުދިޔަ ކައްކައިގެންނެވެ. ބައެއް ފަހަރަށް ކުޅި ކޮށް ހަނާކޮށް، ބޯކޮށްގެންނާއި އަދި ބަނބުކެޔޮ ކޮށާފައި ދުމައްޓަށް ލައިގެން ހަރުކޮށް އަވިން ހޫނުކޮށްގެން އެ މަޑުކޮށްގެން ބޯކުރެއެވެ.
މިހުރިހާ ގޮތަކަށް ދިވެހިން ބަނބުކެޔޮ ހަދާނަމަވެސް ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް މީރުވަނީ ތެލުލި ބަނބުކޭލެވެ. ތެލުލި ބަނބުކޭލަކީ ވަރަށް މީރު އެއްޗެކެވެ. ހަމަ އެކަނި ދިވެހިންނަކަށް ނޫނެވެ. ބޭރު ގައުމުތަކުގައިވެސް ބަނބުކެޔޮ ތެލުލައިގެން ބޭނުންކުރެއެވެ.
މިގޮތުން ފިލިޕީންސް، އިންޑްނޭސިއާ، ފިޖީ، ފަދަ ގައުމުތަކުގައި ބަނބުކެޔޮ ތެލުލައެވެ. އަދި ކެރީބިއަންގެ ރައްތަކުގައިވެސް ތެލުލި ބަނބުކެޔޮ ބޭނުން ކުރެވުނެވެ. ހަމަ އެހެންމެ ރާއްޖޭ އަންނަ ފަތުރުވެރިންވެސް ގައުމަށް ދާއިރު ރާއްޖޭން ތެލުލި ބަނބުކޮޔެ ގެންދެއެވެ.

ބަނބުކެޔޮ އަސްލު އައިސްފައިވަނީ ނިއު ގިނީ އަދި އިންޑޯ މެލޭ އަދި ކެރީބިއަން ސަރަހައްދުންނެވެ
ބަނބުކޭލަކީ 3000 އަހަރު ކުރިން ފަށައިގެންވެސް އޯސަނިއާގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ބަނބުކެޔޮ އަސްލު އައިސްފައިވަނީ ނިއު ގިނީ އަދި އިންޑޯ މެލޭ އަދި ކެރީބިއަން ސަރަހައްދުންނެވެ. އަދި ޕެސިފިކްގެ ރަށްތަކަށް ދަތުރުވެރިންގެ ފަރާތުން ބަނބުކެޔޮ ތައާރަފު ވިއެވެ.
ދުނިޔޭގައި ބަނބުކެޔޮ އާންމުވެ ތައާރަފުވެގެން ދިޔައީ ސާރ ޖޯސެފް އާއި ކެޕްޓަން ކޫކު ކަނޑުތަކުގައި ދަތުރުކުރަމުން ދިޔަ ދުވަސްވަރުގައެވެ.
18 ވަނަ ގަރުނުގައި އެޗް އެމް އެސް ބައުންޓީ އަގުހެޔޮ ހަކަތަ ލިއްބައިދޭ ރަނގަޅު ކެއުމެއްގެ ގޮތުގައި ކެރީބިއަންގައި އިނގިރޭސި އަޅުވެތި ކަމުގައި ތިބި ފަރާތްތަކަށް ތާރަފްކުރިއެވެ. ދުނިޔޭގައި ބަނބުކެޔޮ އާންމު ކުރީ އަސްލުގައި އިނގިރޭސީންނެވެ.

ދިވެހިން ބަނބުކެޔޮ އާންމުކޮށް ކަނީ ތެލުލައިގެންނާއި ފިހެގެންނެވެ.
މިގޮތުން ރާއްޖެއަށް ބަނބުކެޔޮ އައުންވެސް ގުޅިފައިވަނީ އިނގިރޭސީންނާއި ކަމަށް ބައެއް ދިވެހިން އަންނަނީ ބުނަމުންނެވެ. ބުނެވޭގޮތުގައި އިނގިރޭސީން އައްޑުއަށް ބަނބުކެޔޮ ގަސް ގެނައެވެ.( ބައެއް ފަރާތްތަކުން ރާއްޖެއަށް ބަނބުކެޔޮ އައިގޮތާއި ބެހޭގޮތުން މިގޮތަށް ބުނަމުން އާދެއެވެ.)
ބަނބުކޭލުގެ ތެރޭގައި އޮށުން ގަސް ފަޅާ ވައްތަރަކާއި މުލުން ގަސް ފަޅާ ވައްތަރެއް ހުރެއެވެ. އަޅުގަނޑުމެންގެ ރާއްޖޭން އާންމުކޮށް ފެންނަނީ ބަނބުކެޔޮ ގަސްތަކުގެ މޫތަށް އެކި ހިސާބުތަކަށް ފެތުރި އެ މޫތަކުން ބަނބުކެޔޮގަސް ފަޅާ ތަނެވެ. ބަނބުކެޔޮގަސް އާންމުކޮށް ހެދި ބޮޑުވަނީ 85 ފޫޓަށެވެ. 26 މީޓަރަށެވެ. ރަނގަޅަށް ހެދޭ ބަނބުކެޔޮ ގަހެއްގައި އާންމުކޮށް އަހަރަކު 200 އަށްވުރެ ގިނަ ބަނބުކެޔޮ އަޅައެވެ . ބަނބުކޭލަކީ އާންމުކޮށް 21- 32 ޑިގްރީ ސެލްސިއަސްގައި ފިނި ހޫނުމިން ހުންނަ ހިސާބުތަކުގައި ހެދޭ އެއްޗެކެވެ.

ބަނބުކޭލަކީ ސިއްޙަތައް ފައިދާހުރި ވަރަށް ގިނަ މާއްދާތަކެއް ހުންނަ އެއްޗެކެވެ. ބަނބުކޭލުގައި ހިމެނޭ ސިއްޙަތައް ފައިދާހުރި ބާވަތްތަކުގެ ތެރޭގައި ވިޓަމިން ބީ 1 ، ވިޓަމިން ބީ 2، ވިޓަމިން ބީ 3، ވިޓަމިން ބީ 5، ވިޓަމިން ބީ 6، ވިޓަމިން ބީ9، ވިޓަމިން ސީ، ވީޓަމިން އީ، ވިޓަމިން ކ ހިމެނެއެވެ. އަދި އެހެނިހެން މައުދަންތަކަށް ބަލާއިރު ސޯޑިއަމް، ޒިންކް، ކޮޕާރ، ސެލީނިއަމް، ދަނގަޑުގެ ބައި، އޮމެގާ 3 ހިމެނެއެވެ،
އަދި ޑައެޓްރީ ފައިބަރ އާއި ކާރބޯ ހައިޑްރޭޓްސް، ނެޗްރަލް ސުގަރ، ކެލަރީ ހިމެނެއެވެ. ބަނބުކޭލުގައި މަތި މިންވަރަކަށް ކާރބޯހައިޑްރޭޓްސް ހިމެނެއެވެ. އެ ކާރބޯހައިޑްރޭޓްސް ހަށިގަނޑަށް ބޭނުންވާ ހަކަތަ މަތީ މިންވަރަކަށް އުފައްދައިދެއެވެ.
ބަނބުކެޔޮ ކެއުމުން ގޮހޮރު ސާފު ކޮށްދެއެވެ. ގޮހޮރުގެ މަސައްކަތް ހަލުއިވެގެންދެއެވެ. ގޮހޮރުގައި އުފެދޭ ވިހަ މާއްދާތަކުން ރައްކާތެރިކޮށްދެއެވެ. ބަނބުކޭލަކީ އޮމެގާ3 އަދި އޮމެގާ 6 ގިނަ އެއްޗެކެވެ. މި މާއްދާއަކީ ސިކުނޑިއާއި ހަށިގަނޑު ތަރައްޤީކޮށްދޭ މާއްދާއެކެވެ.

ބަނބުކެޔޮ ކެއުމުން ގޮހޮރު ސާފު ކޮށްދެއެވެ.
އަދި ބަނބުކޭލަކީ ހަންގަނޑަށް ވެސް ފައިދާހުރި ދަރިމައިވުމުގެ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ. ބަނބުކޭލަކީ ގިނަ ބަލިތަކެއްގެ ފަރުވާ އެކެވެ، ގުދުރަތީ ބޭހެކެވެ. މިގޮތުން ހަމުގެ ބަލިތަކުން ރަށްކާތެރިކޮށްދެއެވެ. އަދި ހަކުރުގެ މައްސަލައަށް ލުއިކަމެއް ލިއްބައިދެއެވެ. ހިތުގެ ބަލިން ރަށްކާތެރިކޮށްދެއެވެ. އަދި ލޭ މައްޗަށް ދިއުމުގެ މައްސަލައަށް ވަރަށް ބޮޑު ލުއިކަމެއް ލިއްބައިދެއެވެ.
ބަނބުކެޔޮ ނިސްބަތް ވަނީ މަލްބެރީ ފެމެލީއަށެވެ. ބަނބުކެޔޮ ފެންނަ ފެނުމުގައި ވައްތަރީ ސައްކޭލާއެވެ. ގިނަ އަދަދަކަށް ބަނބުކެޔޮގަސް ކެރީބިއަންގެ ރަށްތަކުގައި، އިންޑޮނޭސިއާގެ ރެއިން ފޮރެސްޓް ތަކުގައި އަދި އޯސޭނިއާ، ސަމޯއާ، ފިލިޕީންސް، ލަންކާ، ޖެމެއިކާ، އިންޑިއާގައި ހުރެއެވެ. އަދި ހަމަ އެހެންމެ މީ ރާއްޖޭގައިވެސް ވަރަށް އާންމު އެއްޗެކެވެ. އާންމުކޮށް ބަނބުކޭލުގައި 1-5 ކިލޯ ހުރެއެވެ. ބަނބުކޭލުގައި ސައްކޭލާއި ދޮންކޭލަށްވުރެ މަތި މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ.
ބަނބުކޭލަކީ ވައި ހެދޭ ކަމަށް މަޝްހޫރު ބާވަތެއް ކަމަށްވި ނަމަވެސް ގޭހުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ ފަރާތްތަކަށް ނޫނީ ބަނބުކެޔޮ ކެއުމުން ވައިގެ އުނދަގޫ ބޮޑެއްނުވާނެއެވެ. ބަނޑުގައި ވައިހެދޭ ގޮތް ވަނީ ކެއުމުގެ ވައްޓަފާޅި ހުންނަ ގޮތުންކަމަށް ވެސް ސިއްހީ މާހިރުން ވަނީ ހާމަކޮށްފައެވެ. ހަމައެކަނި ބަނބުކެޔޮ ކެއުމަކުން ބަނޑުގައި ގޭހުގެ އުނދަގުލެއް ނެތް މީހަކަށް ގޭސްޓްރިކްޓް މައްސަލަ ދިމާވުމަކީ އެހާ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.

