ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސް މާތޮޑާ ކައުންސިލާ ބައްދަލު ކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.
ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުމާއި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުން ހިމެނެއެވެ.
މީގެ އިތުރުންވެސް ފަރެސްމާތޮޑާއާ އެއަރޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތާއި ފަރެސްމާތޮޑާ އެއަރޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި އެރަށުން އިތުރު ގޯތި ދިނުމާއި ސިނާޢީ ބޭނުންތަކަށް ބިން ހިއްކަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

