އެއްވެސް ލިޔެކިއުމެއް ނެތި ގަވައިދާއި ހިލާފަށް، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރަނގި“ ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކޮށްފި އެވެ.
ޕްރޮގްރާމްގެ ފޭސް ދޭއް އާއި ނެޝަނަލް ރެޖިސްޓްރޭޝަން ސިސްޓެމް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މިހައްމަދު ލަތީފެވެ. އަދި ކެބިނެޓު ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ ”އޮޕަރޭޝަން ކުރަނގި“ މާލެ އަތޮޅު ހިންމަފުށީގައި ހިންގައި 705 ބިދޭސީންގެ މަޢުލޫމާތު ވަނީ ނަގާފަ އެވެ. އެއީ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ މައުލޫމާތުތައް އެއްކުރަން ފެށި ރަށެވެ. އެއަށް ފަހު ދެވަނައަށް ޕްރޮގްރާމް ކުރިޔަށް ގެންދިޔަ މާފުށިން 1076 ބިދޭސީންގެ މައުލޫމާތު ނެގި އެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.

