ރަށްތަކުގެ ތެރެއިން އާބާދީ މަދު، ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ލާމާޒުކަޒީ ޤާނޫނަށް ބަދަލު ގެންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚިޔާލެއް ހުށަހަޅުއްވައިފިއެވެ.
ރާއްޖޭގެ ލާމަރުކަޒީ ގާނޫނުގައި 2021 ވަނައަހަރުން ފެށިގެން މިހާރު އޮންނަ ގޮތުންނަމަ ކިތަންމެ އާބާދީ ކުޑަ ވިޔަސް ފަސް ކައުންސިލަރަކު އިންތިޚާބު ކުރެއެވެ.
މިރޭ ދާޚިލީ ވުޒާރާއިން ބޭއްވި ހަފްލާއެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި ސަރުކާރުން ގެންގުޅެމުން އަންނަ ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރަން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކައުންސިލްތަކުގެ ބެލެނިވެރި ވުޒާރާއިން ދަނީ އިލްމީ ދިރާސާއެއް ކުރަމުންނެވެ. ރައީސް މިރޭ ވަނީ އެމަނިކުފާނުގެ ޚިޔާލުފުޅު މިކަމުގައި ގެންގުޅުއްވާ ގޮތް ހިއްސާކުރައްވާފައެވެ.
"އަޅުގަނޑު ހިތުން ތިން ހާސް މީހުންނަށްވުރެ ގިނަ ނޫން މީހުން އުޅޭ ރަށްރަށުގައި ތިން މީހަކު އިންތިޚާބު ކުރީމަ ފުދޭނެ، ކައުންސިލް ރައީސަކާ އިތުރު ދެ ބޭފުޅުންނާ. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިޚާބު ކުރާ އަންހެނުންގެ ރައީސާއަކަށްވުމާ، އަނެއް ބޭފުޅާއަކާ ޒުވާނުންގެ ފަރާތުން ޒުވާނުންގެ ރައީސަކަށް ހޮވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިކަމުގައި ގޮތް ނިންމާނީ ގިނަ ބައެއްގެ ޚިޔާލު ހޯދުމަށްފަހުގައި ކަމަށާއި، ގޮތް ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

