ސިއްހަތަށް ނުހަނު ބޮޑަށް ފައިދާ ހުރި ކާނާގެ ތެރޭގައި އަލްމަންޑް ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ކަމުގައިވާ ވިޓަމިންސްއާއި މިނަރަލްސް، ފެޓީ އެސިޑްސް އަދި ޑައެޓަރީ ފައިބަރއިން މުއްސަނދި ވެފައިވާ އަލްމަންޑަކީ ހުރިހާ އުމުރެއްގެ މީހުން ވެސް ކެއުމުގައި ހިމެނުން މުހިއްމު އެއްޗެކެވެ.
އަލްމަންޑަކީ ހުހަށް ކެއުމުގެ އިތުރުން ސެލެޑް ތައްޔާރު ކޮށްގެން ނުވަތަ ކިރާއި އައިސްކްރީމް ފަދަ ތަކެއްޗާއެކު ވެސް ކެވިދާނެ ބާވަތެކެވެ.
އަލްމަންޑް ޤަވާއިދުން ބޭނުން ކުރުމަކީ ކޮލެސްޓްރޯލް އެއްމިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އަލްމަންޑްގެ ސަބަބުން ނުރަގަޅު ކޮލެސްޓްރޯލް ދަށްކޮށް ރަގަޅު ކޮލެސްޓްރޯލް މަތިކޮށްދެއެވެ. ސިކުނޑީގެ މަސައްކަތްތައް ހީވާގިކުރަން ބޭނުންނަމަ ދުވާލަކު 5 ނުވަތަ 6 އަލްމަންޑް ކެއުމަށް އާދަކުރާށެވެ. އަދި އަލްމަންޑް އާދަކޮށް ބޭނުންކުރުމުން ވިސްނުން ރަނގަޅުވެ އެވެ.

ދުވާލަކު 5 ނުވަތަ 6 އަލްމަންޑް ކެއުމަށް އާދަކުރާށެވެ
އަލްމަންޑް ތެލަކީ ހަންގަނޑަށް ހުރި މޮޅު ފަރުވާއެއްވެސް މެއެވެ. އަލްމަންޑް ތެލަކީ ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް ބޭނުންކުރެވިދާނެ ގުދުރަތީ މޮއިސްޗަރައިޒާއެކެވެ. އަދި މި ތެލަކީ އިސްތަށިގަނޑަކަށް ވެސް ވަރަށް ފައިދާކުރާ އެއްޗެކެވެ. އަލްމަންޑް ތެޔޮ ލުމުން އިސްތަށިގަނޑުގައި ހުންނަ ވިދުން ގަދަވެ އިސްތަށިގަނޑު ވަރުގަދަވެއެވެ.
ކުރީޒަމާނުގައި ވެސް ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާންތަކުގައި އަލްމަންޑް ބޭނުންކޮށްފައިވެއެވެ. އަދި މިހާރު އުފައްދާ ރީތިވާ ސާމާނުގެ ތެރެއިން ކްރީމާއި ލޯޝަން އަދި މޫނާއި ގައިގައި އުނގުޅާ ތަފާތު ތަކެތީގައި އަލްމަންޑާއި އަލްމަންޑް ތެޔޮ ބޭނުންކުރެއެވެ.

އަލްމަންޑްގައި ކެލްސިއަމް އާއި ފޮސްފަރަސް އެކުލެވިގެންވާ އިރު މިއީ ކަށީގެ ދުޅަހެޔޮކަމަށް ވެސް އެހާމެ ރަނގަޅު އެއްޗެކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އާމަންޑްސް އަކީ ތިބާގެ ގެސްޓްރޮއިންޓެއިންޓައިނަލް (ޖީއައި) ޓްރެކްޓްގެ ސިއްހަތާއި ދިފާއީ ބާރު ހިމާޔަތްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
އަލްމަންޑްތެލަކީ ސްޓްރެސްގެ ސަބަބުން ލޯކައިރި ކަޅުވެ މޫނުމަތީގެ ތާޒާކަން ގެއްލި ހަންގަނޑު ކުރަކިވުން، ނުވަތަ އަވީގެ ސަބަބުން މޫނުގެ ރީތި ދޮންކުލަ ފަނޑުވުމަށްވެސް ހައްލު ހޯދަން އެންމެ ރަނގަޅު އެއްބާވަތެވެ.
އަލްމަންޑްސް އަކީ މޮއިސްޗަރައިޒްކޮށް، ހަރުދަނާކޮށް، ގްރޭވުން ހުއްޓުވައި، ފްރިޒް، ސްޕްލިޓް އެންޑްސް އަދި ޑެންޑްރަފް ނައްތާލުމަށާއި، ޓެންސިލް ސްޓްރެންތް އަދި ޓެކްސްޗާ އިތުރުކޮށް، އިސްތަށިގަނޑު ބޮޑުވުމަށް ފުޅާ ދާއިރާއެއްގައި އެހީތެރިވެދޭ އެއްޗެކެވެ!.

އަލްމަންޑްގައި ކެލްސިއަމް އާއި ފޮސްފަރަސް އެކުލެވިގެންވެއެވެ.
އަލްމަންޑަކީ ހަކުރު ބަލީގެ މީހުންނަށް ވެސް ރަގަޅު އެއްޗެކެވެ. އަލްމަންޑް ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެއެވެ. އެހެންކަމުން ކެއުމަށްފަހު އަލްމަންޑް ކޮޅެއް ކާލުމަކީ ހަކުރުބަލީގެ މީހުންނަށް ފައިދާހުރި ކަމެކެވެ.
ހަމައެހެންމެ ފައިބަރުން މުއްސަނދިވެފައިވާ އަލްމަންޑަކީ ބަނޑުހަރުވާ މީހުންނަށްވެސް އެހީތެރިވެދޭ ބާވަތެކެވެ.
އަލްމަންޑްގައި ހިމެނޭ ފޯލިކް އެސިޑަކީ ސެލްތަކާއި ޓިޝޫތައް ހެދި ބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު އަލްމަންޑް ބޭނުންކުރުމަކީ ތުއްތު ދަރިފުޅު ހެދި ބޮޑުވުމަށް އެހީތެރިވެދޭ ކަމެކެވެ.

