އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައިޖީއެމްއެޗް) ތެރެއަށް ވަދެވުމާއި އެކު ފުރަތަމަވެސް ލޮލުގައި އަޅައިގަންނަނީ އަންހެނެއްގެ ބޮޑު ފޮޓޯގަޑަކަށެވެ. އުމުރުން ދުވަސްވެފައިވާ އަންހެނެއް އިށީދެގެންއިން ފޮޓޯއަކަށެވެ. ފުރޭމެއްގައި ކަވަރު ކޮށްފައިން އެ ފޮޓޯއިން ހަމަ އަސްލުގައިވެސް ހިތަށް އުފާވެރިކަން ވެރިވިއެވެ. އުމުރުން ދުވަސްވެފައި އިން އެ އަންހެން މީހާ އިނީ މާތަކެއްގެ ތެރޭގައި ހެވިފައެވެ. ނަމަވެސް ލައިގެންއިން ހެނދުމުން އެއީ ދިވެހި އަންހެނެއް ނޫން ކަން އެނގެއެވެ.
ހެވިފައި އިން އެ އަންހެންމީހާ މޫނުން ފަރިވެ ފޮޅެމުން ދިޔައީ އިންސާނީ އެހީތެރިކަމެވެ. އެ ފޮޓޯއިން ބަލާލުމުންވެސް އެއީ ޒަމާންތަކެއްކުރީގެ ފޮޓޯއެއްކަން އެނގެއެވެ.
އެއީ ކާކު؟ އަޅުގަނޑަށް އެއީ ކާކުކަން އެނގުނު ނަމަވެސް މިއަދުގެ ޖީލަށް އެއީ ކާކު ކަން އެނގެނީ ކިހާމިންވަރަކަށް ބާއެވެ؟

އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އިންދިރާގާނދީ ( މާލޭ އައިޖީއެމްއެޗް ތެރޭގައި ހުރި ފޮޓޯ)
ދައްކަން މިއުޅެނީ އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ޝަޙްސިއްތެއްގެ ވާހަކައެވެ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުން އެ ސޫރަ ފަނޑުނުވި ފޮޓޯގެ ވާހަކައެވެ. އިންޑިއާގެ ސަރުކާރަށް 15 އަހަރާއި 350 ދުވަހުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަންހެން ޝަޙްސިއްޔަތެއް ކަމަށްވާ އިންދާރީގާންދީގެ ވާހަކައެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގެ ނަމާއި އަދި ބޮޑު ފްރޭމްގައި ހުރި ފޮޓޯއިން އިންދިރާގާންދީ އެ ހޮސްޕިޓަލަކަށް ޙާއްސަވި ގޮތުގެ ވާހަކައަށް ބަލާލަމާ ހިނގާށެވެ. ދިވެހިން މިއަދު މި ދެކޭ އައިޖީއެމްއެޗްގެ ބާނީއަކީ އިންޑިއާގެ ބޮޑު ވަޒީރުކަން ކުރެއްވި ހަމައެކަނި ޝަހްސިއްޔަތާއެވެ.
އައިޖީއެމްއެޗާއިއެކު ސިއްހީ ހިދުމަތް ދިވެހިންނަށް ހަދިޔާ ކޮށްދެއްވި ފަނޑުނުވި ކުރެހުމުގައިވާ ސޫރައަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވި ސޫރައެއްކަން ޔަގީނެވެ.
އެއްވެސް ޝަޙްސަކު ދެ ބަސް ނުވާނެ ފަދައިން އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ދިން ހަދިޔާއެކެވެ. އެއީ އިންދިރާ ގާންދީއަށް ހާއްސަ ކޮށްފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ ނަމާއި އަދި ވަދެގެންދާއިރު ފެންނަ ފޮޓޯ އިން މިއަދުގެ ޖީލަށް އިންދިރާގާންދީ އެނގުން މުހިންމުކަން ޔަގީނެވެ. ނަމަވެސް ފޮޓޯ ފިޔަވާ ފޮޓޯއާއި ގުޅޭ މައުލޫމާތު އެކުލެވޭ ބޯޑެއް ނޯޓެއްހާ މިންވެސް އެތަނުން ފެންނާކަށް ނެތެވެ. އެއީ ކާކު ކިހިނެތް ކޮންގޮތަކަށް ބެހެއްޓުނު ފޮޓޯއެއްހާމިންވެސް އެނގޭކަށް ނެތެވެ.
މި އާޓިކަލްގައި މި ބަލާލަނީ ދިވެހިންނަށް އެ ޒަމާން ފަހަނައަޅާ މިހާރު ސަރުކާރުގެ މައި ހޮސްޕިޓަލުން ފަރުވާ ދޭން ފެށުނު ގޮތާއި، މިހާރު އައިޖީއެމްޗް ތެރެއިން ފެންނަ ސޫރައިން ދިވެހިންނަށް ކޮށްދިން ހެޔޮކަމުގެ އަސްލު އައި ހިސާބަށެވެ.
އެއީ ރާއްޖޭގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެންމެ ބޮޑު ސިއްހީ މަރުކަޒެވެ.

އައިޖީއެމްެއެމްއެޗް/ފޮޓޯ ގޫގްލް
ސިއްޙި ވަސީލަތާއި ސިއްހީ މާބޮޑު ކަމެއް ދިވެހިން ނުވެސްދަންނަ ދުވަސްވަރެއްގައި "ދަކުތަރުގޭ" އިން ފެށިގެން މާލޭ މެދުގައި ހުރި ސެންޓްރަލް ހޮސްޕިޓަލާއިއެކު ދެން ފެށުނު މި ހޮސްޕިޓަލް ދާއިމަށް ވެގެންދިޔަ ގޮތެވެ. އައިޖީއެމްއެޗް ވުޖޫދަށް ނައްނަނީސް ރާއްޖޭގައި ސިއްހީ ހިދުމަތަށް ލިބެމުންދެއެވެ. އެންމެފުރަތަމަ ސިއްހީފަރުވާއަށް ހަމަ އެކަނި ސިއްހީ ހިދުމަތްދޭތަނަކަށް ހުރީ މާލޭގެ މެދުގައި އޭރު ހުރި ހޮސްޕިޓަލް ކަމަށްވާ ސެންޓްރަލް ހޮސްޕިޓަލެވެ.
އޭގެފަހުން މާލޭ ހުޅަނގު ފަރާތުގައި އެޅި މި ހޮސްޕިޓަލަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރެއްވި ހޮސްޕިޓަލެކެވެ. 14 ޖެނުއަރީ 1990 ގައި ބިންގާ އެޅި އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމާލެވުނީ ގާތްގަޑަކަށް ފަސް އަހަރުދުވަހުގެ މަސައްކަތަށް ފަހުގައެވެ.
ގާތްގަނޑަކަށް 300 އެނދާއެކު ވެރިރަށް މާލޭގައި ހުންނަ އައިޖީއެމްއެޗުން މާލޭ ސިޓީގައި ދިރިއުޅޭ ގާތްގަނޑަކަށް 150،000 މީހުންނަށް ހިދުމަތް ދިނުމުގެ އިތުރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނެވޭ ބަލިމީހުންނަށާއި، އެތެރޭގެ އަދި ބޭރުގެ ބަލި މީހުންނަށްވެސް ސްޕެޝަލިސްޓް ހިދުމަތް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ.
ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ އިތުރުން އައިޖީއެމްއެޗުގައި ޑައިގްނޯސްޓިކްސްގެ އިންވެސްޓިގޭޓިވް އަދި އިމޭޖިން ޓެކްނޮލޮޖީތައްވެސް ގާއިމް ކޮށްވެފައިވެއެވެ. އެއީ އާސަންދަ ސޯޝަލް ހެލްތް ކެއާ އިންޝުއަރެންސް އިން ފުރިހަމައަށް ކަވަރުކުރާ ތަނަކަށް މިހާރު ވަނީ ވެފައެވެ. ޖުމްލަ އަޖީއެމްއެޗަށް ވަނީ 30 އަހަރުވެފައެވެ.
އައިޖީއެމްއެޗާއި އެކު އަވައްޓެރި އިންޑިއާގެ ގުޅުން އެނގެން އޮތް އިރު، އަގުނުކުރެވޭވަރުގެ ދިރިދިރި ހުރި ހެޔޮ ފަރުވާއަކަށް މި ހޮސްޕިޓަލް ވަނީ ވެފައެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން އިންދިރާގާނދީގެ ހަނދާން އާކުރެވެނީ ކުރެހެމުން އަޅާ ހަރުކުރެވިފައިވާ ފޮޓޯއިންނެވެ. ނަމަވެސް އެއީ އެއަށްވުރެ މާ ބޮޑު ގައުމީ އިންސާނީ އެހީތެރިކަމެވެ.

