ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ މާލެއާއި ހުޅުމާލެ ގުޅާލާފައިވާ ބުރިޖް ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުކަން ދީގެ ދަތުރުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
“ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ދަންނަވަން. އަދި ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަން”ފުލުހުން
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ދިޔަވަރު ބޮޑުވާ ބައެއް ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއީ ފުސް ނަކަތެވެ. މި ނަކަތް ދެމިގެން ދަނީ 14 ޖުލައި – 28 ޖުލައިގެ ނިޔަލަށެވެ. މިއީ ހުޅަނގު މޫސުމުގަ 8 ވަނަ ނަކަތެވެ. މި ނަކަތުގައި ވާރޭ ވެހުން ގިނަވާނެއެވެ މި ނަކަތުގައި މަސްވެރިކަން ކުރެވޭނީވެސް އާދައިގެ ވަރަކަށެވެ.
އުދައިގެ އަސަރު ކުރިނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ބުނެފައެވެ.

