އަވަށްޓެރި ބަންގްލަދޭޝް ގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ބަންދު ކުރި ބަންގްލަދޭޝްގެ މެޑިކަލް ސްކޫލުގައި ކިޔަވަމުން ދިޔަ ދެ ދަރިވަރު އެމްބަސީގެ އެހީތެރިކަމާއި އެކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބަނގްލަދޭޝްގައި ބުނީ ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ސަމާލުވެ ހައިކޮމިޝަނުން އަންނަނީ އެގައުމުގައި އުޅެމުންދާ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެގޮތުން ހައިކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެހެނިހެން ކަަންކަމުގައި ބަނގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ވެސް ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ބުނެފައެވެ.
ހަމައެހެންމެ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ވަނީ، އެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އަންނަން ގަސްތުކުރާކަމަށް ވުޒާރާއަށް އަންގާފައިކަމަށާއި މިދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރ ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ އެހީތެރިކަން ފޯރޮކޮށްދީފައި ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.
މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީއިން ތަކުރާރުކޮށް އިލްތިމާސް ކުރާ ކަމަށް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށްވެސް ވަނީ އެދިފައި އެވެ.

