ވަރުބަލިކަން އިހުސާސް ވާ ދުވަސްކޮޅެއް ތޯއެވެ. ހެނދުނު ހޭލައިގެން ތެދުވެ ހެލިފެލިވުމަށް ކަންނެތްވެ، ގައިގެ ވަރެއްނެތި، ޖޯޝެއް ނެތިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވެނީ ހެއްޔެވެ. އެހާ ކަންބޮޑު ނުވާށެވެ. ތިކަމަށް ހައްލެއް ބުނެދެން ހެއްޔެވެ.
ގައިން ވަރުދޫވާހެން ހީވެ ވަރުބަލި ވަނީ ހަށިގަނޑުގައި ގުލްކޯޒު މަދުވާތީ އެވެ. ޖޯޝާއެކު ދުވަސް ހޭދަކުރެވޭނެ ފަދަ މީރު ބުއިމެއް ތައްޔާރު ކޮށްލަމާ ހިނގާށެވެ.
ކެރޮޓުގައި ގިނައަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވެއެވެ. އަދި ހަށިގަޑަށް ގުލްކޯޒުވެސް ލިއްބައިދޭނެއެވެ. ކަސްރަތު ކުރުމަށް ދާ ފަރާތްތަކުން ހަކަތަ ލިބިގަތުމަށްވެސް ކެރެޓް ޖޫސް ބޭނުން ކުރެއެވެ.

ކެރޮޓަކީ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ….ފޮޓޯ:ފްލަޔަރ
ކެރޮޓަކީ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. މިއީ ހަށިގަނޑަށް ގުލްކޯޒް ފޯރުކޮށްދޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ކަސްރަތެއް ފުރިހަމަ ކުރުމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުން ކެރެޓް ޖޫހުގެ ފައިދާ ލިބެ އެވެ. ހަމައެހެންމެ މި ބުއިމުހައި ހިމެނޭ ދޮންކޭލާއި ކިރަކީވެސް ފައިދާ ތަކުން ފުރިފައިވާ މީރު ބުއިމެކެވެ. މީގައި ހިމެނޭ ގްލައިކޯޖަން ރިޒާވް އާއި ޕޮޓޭސިއަމް ލެވެލްގެ ސަބަބުން މަސްތަކުގައި ރިއްސުން ފަދަ ކަންކަމުން ސަލާމަތްވެވޭނެ އެވެ.
ދޮންކޭލުގައި އެންމެ ގިނައީ ޑައިޓްރީ ފައިބަރެވެ. ހަމައެހެންމެ ވިޓަމިން އަދި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. ކެރެޓުގައި ރަނގަޅު ނިއުޓްރިޝަނަލް އެލިމެންޓެއް އެކުލެވޭ އިރު މި ދެބައި އެކުވުމުން މީރުރަހަ އަކާއެކު މީހާގެ ސިކުނޑިއަށް އާރޯކަމާއި ތާޒާކަން އައިސް ހިިނިތުންވެލުމަކާއެކު ހަރަކާތްތެރިވެ އުޅޭން ފަށާނީ ޖޯޝާއެކުގައެވެ.

ކެރޮޓުގައި ގިނައަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވެއެވެ..ފޮޓޯ:ފްލަޔަރ
ބޭނުންވާ ތަކެތި:
- ދެ ކެރެޓް
- ދެ ތަށި ފެން
- ދެ ދޮންކެޔޮ
- ދެ ތަށި ކިރު(ޕެކެޓް ކިރު)
ތައްޔާރު ކުރާނެ ގޮތް
ދެ ކެރެޓް ކުދިކޮށް ކޮށާލާފައި ބްލެންޑަރަށް އަޅާށެވެ. ދެތަށި ފެނުގައި ރަނގަޅަށް އެއްކޮށްލާފައި ފުރޭންޏަކުން ތަށްޓަކަށް ފުރާނާލާާށެވެ. ދޮންކެޔޮ ވެސް ކުޑައެތިއެތިކޮޅަށް ކޮށާލުމަށްފަހު ކެރެޓް ޖޫހާއެކު، އަދި ދެތަށި ކިރުވެސް އެއްކޮށް ބްލެންޑަރަށް އަޅާށެވެ.
ރަނގަޅަށް އެއްކުރުމަށްފަހު ތަށްޓަކަށް އަޅާށެވެ.
ބޭނުމިއްޔާ މާމުއި ސަމުސަލެއް އެއްކޮށްލާށެވެ.
އެދެވޭ ރަނގަޅު ނަތީޖާއަކަށް ދެދުވަހުން އެއްދުވަހު ބޭނުން ކުރާށެވެ. އެންމެ މަދުވެގެންވެސް ހަފުތާއަކު ދެ ދުވަހު މިބުއިން ބޭނުން ކުރާށެވެ.
ތާޒާކަމާއެކު ގައިގައި ވަރުޖެހި، ހަރަކާތްތެރިވުން އަބަސް ވާނެއެވެ.

