މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ކިޔައިދިނުމަށް ޔޫއެންއެފްޕީއާއި ގުޅިގެން އިސްރަށްވެހިންގެ ނާދީން ކުރިއަށް ގެންދާ "ހައްޓަށް" ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފި އެވެ.
އެ ސެޝަނުގައި ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމް (ޑައިޖެސްޓިވް ސިސްޓަމް) މަސައްކަތް ކުރާ ގޮތާއި، ކާނާ ކެއުމުގައި ހަށިގަނޑަށް ބޭނުންތެރި ފައިދާހުރި ތަކެތި ކެއުމާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

"ހައްޓަށް" ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފި/ފޮޓޯ : އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާ
އޭގެ ތެރޭގައި ކާނާގައި ފައިބަރ އަދި ޕްރޮޓިން ހިމެނޭ ބައިތައް ގިނަކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލާފައިވެއެވެ. މި ކައްކާ ކްލާސްތަކުގައި ހައްޓަށް ހެޔޮ، އަނގަޔަށް މީރު މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދީ، އެއާއެކު އަމަލީ ގޮތުން އެ ބާވަތްތައް ތައްޔާރުކުރާނެ ގޮތްތައް ވެސް މި ކްލާސްތަކުގައި ބައިވެރިންނަށް ދަސްކޮށްދިނެވެ.
އެއާއެކު، ފެހި ކުލައިގެ ކާތަކެތި ހުރިހާ ވަގުތެއްގައި ކެއުމަށް އާދަކުރުމުގެ މުހިންމުކަމާއި، ވަކިން ޚާއްސަކޮށް ކޮޕީ ފަތާއި، މުރަނގަ ފަތް ފަދަ ފައިދާހުރި ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކެއުމަށް ރަނގަޅު ގަޑިތައް ކިޔާދީފައިވެއެވެ.

"ހައްޓަށް" ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފި/ފޮޓޯ : އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާ
މިގޮތުން ހަޖަމު ކުރުމަށް ވަގުތު ދިނުމަށްފަހު ނިދާ ގަޑީގެ 3 ނުވަތަ 4 ގަޑިއިރު ކުރިން ކާން ވާނެކަން ވަނީ ފާހަގަކޮށްފައެވެ.

"ހައްޓަށް" ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފި/ފޮޓޯ : އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާ
އެއީ އިސްރަށްވެހިންގެ ނާދީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ކްލާހަކީ ހަފްތާއަކު އެއްދުވަހު 2 ގަޑިއިރަށް ކުރިއަށް ގެންދާ ދުޅަހެޔޮ ކާނާ ކައްކާނޭ ގޮތް ދަސްކޮށްދޭ ކްލާހެކެވެ. ޖުލައި 20 ގައި ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ބެޗްގެ 2 ވަނަ ކްލާހުގައި 21 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

