ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ސިޔާސަތުތަކެއް އެކުލަވާލައި އަމަަލުކުރަން ފަށާފައިވާ ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.
އެކަން ހާމަކުރީ ސަރުކާރު ކުންފުނި އެސްޓީއޯ އަދި އާސަންދަ ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެބަޔާނުގައި ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް މިހާރު އެސްޓީއޯއިން ވިއްކަން ފަށައިފައިވާ ކަމަށެވެ. އެ ބޭސްތައް ހޯލްސޭލްކޮށް ވެސް އަދި ރީޓެއިލްކޮށް ވެސް އެސްޓީއޯއިން ވިއްކާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ބުނީ ބަލްކް ޕްރޮކިޔުމެންޓު ސިޔާސަތު ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން ބަލްކު ޕްރޮކިޔުމެންޓުގެ ދަށުން ބޭސް ގެންނަން ފެށުމާ އެކު ރާއްޖެ އަށް ބޭނުންވާ ހުރިހާ އަސާސީ ބޭހެއް ލިބެން ހުންނާނެ ކަމަށާއި އެ ބޭސްތަކަކީ ޔޫރަޕުގެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އުފައްދައިފައިވާ ބޭސްތަކެއް ކަމަށެވެ.
ބަލްކު ޕްރޮކިޔުމެންޓުގެ ސިޔާސަތުގެ ދަށުން ރާއްޖެއަށް އެތެރެކުރަން ހުއްދަ ދޭނީ ޑަބްލިއުއެޗްއޯގެ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓު ރެގިޔުލޭޓަރީ އޮތޯރިޓީގައި ރެޖިސްޓްރީކޮށް ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތޭ ބޭސްތަކަށް އެކަނި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެހެންމެ އާސަންދަ ނިޒާމު ހިމެނޭޙެން ގުޅުންހުރި ހުރިހާ ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ފެށޭނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ހަމަމިއާއެކު، ޔޫރަޕް ސްޓޭންޑާޑު ބޭސްތަކަށް ވެސް އާސަންދައިން ފުލް ކަވަރޭޖް ލިބިގެންދާނެ ކަމަށާއި ނަމަވެސް އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖުތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދެވުމުގެ އިތުރުން އާސަންދައިގެ ތެރެއިން ބޭހަށް ކުރާ ބޮޑު ހަރަދު ބޮޑުތަނުން ސަލާމަތް ކުރެވިގެން ދިޔުން ކަމަށް ސަރުކާރުން ބުންޏެވެ.

