މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބޮންޑުގައި އިންވެސްޓު ކުރި ފަރާތްތަކަށް ފުރަތަމަ ކޫޕަން ޕޭމެންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލް އިން ބުނީ އެއީ އެ ކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑުކަމަށެވެ. 11 އޭޕްރިލް 2023 ގައި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލިއިރު މި ބޮންޑަށް ގިނަ ފަރާރްތަކުން ބޮންޑު އިންވެސްޓުކޮށްފައިވާ ކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްކަށް 4 ޖުލައި 2024 ގައި ވަނީ ޖަމާކޮށްދީފައި ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ ޙައިސިއްޔަތުން މަސައްކަތްކޮށްފައިވަނީ ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެއް ކަމަށް އެމްޕީއެލް އިން ހާމަކުރެއެވެ.
މިފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށާއި ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށްވެސް އެމްޕީއެލް އިމް ވަނީ ބުނެފައެވެ.

