ރާއްޖޭގައި އުފައްދާ ކާބޯތަކެތި ރާއްޖެއިން ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ފަށާފައިވާ ފުޑް ސެކިއުރިޓީގެ ދަށުން ފުރަތަމަ މަރުހަލާ އަންނަ މަހު ފަށާގޮތަށް އެގްރޯނެޓުން ނިންމައިފިއެވެ.
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓާރ ހުސެއިންދީދީ "ހުވަދޫ މީޑިއާ" މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ފަށަން ނިންމާފައިވަނީ ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތި ތާޒާކަމާއިއެކު ލިބޭނެ މަގު ފަހި ކުރުމުގެ ގޮތުން ކަމަށެވެ.
މިގޮތުން އެގްރޯ ނެޓުންވަނީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރެއްވުމުގައި ރާއްޖޭގައި މަޝްހޫރު ޒުވާން ދަނޑުވެރިޔާ ޢަބްދު ﷲ ރަމްޒީ އާއި އެކު ކިއުކަމްބާ ގަތުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިވެސް ކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދަށުން ޒުވާން ދަޑުވެރިޔާގެ ގްރީންހުސް ދަނޑުތަކުގައި އުފައްދާ ކިއުކަމްބާގެ ބާވަތްތައް އެގްރޯނެޓަށް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހުސެއިންދީދީ ވިދާޅުވީ މިހާރު ފަށާފައިވާ އޮޕަރޭޝަން މި އަންނަ މަހު ސްޓާރޓް ކުރެވޭނެ ކަމަށާއި، ކިއުކަމްބާރ ގަތުމުގެ އެއްބަސްވުމެއްގާ ސޮއި ކޮށްފައިވަނީ އައްޑޫ ފަރާތެއްގެ އަތުން ކަމުން ފުރަތަމަ މަރުހަލާގައި ފަށާނީ އައްޑޫއާއި އަދި ފުވައްމުލަކު ޒޯންގައި ކަމަށެވެ.
އޭގެފަހުން މި މަސައްކަތް ކާމިޔާބު ކަމާއި އެކު ކުރިއަށްދާނަމަ ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކިއުކަމްބާ އެތެރެކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކިއުކަމްބާ ގަތުމަށް މިއަދު އެއބަސްވި ފަރާތުން މިކަން ކުރެވޭނެ ވަރުގެ ކެޕޭސިޓީ އެބަހުރި. މަހެއްގެ މައްޗަށް 10 ނުވަތަ 12 ޓަނުގެ ކިއުކަމްބާ އުފައްދާނެ ކެޕޭސިޓީ އެބަހުރި. ރާއްޖޭގެ ސަރަހައްދުތަކަށް ފުޅާ ކުރެވޭނީ ޕަބްލިކް ޑިމާންޑްތަކަށް ވެސް ބެލުމަށްފަހު." ހުސެއިންދީދީ
ހުސެއިންދީދީ ފާހަގަކުރެއްވީ މިއީ ރާއްޖޭން ބޭރުންގެންނަ ތަކެތި ތަގައްޔަރުވެފައި ވުމާއި އަދި ތާޒާ ތަކެތި އުފައްދާ ވިއްކާ ބާޒާރަށް ނެރުމުގެ ބޭނުމުގައި ފަށާފައި މުހިންމު މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން ފާހަގަކުރެއްވީ ދިވެހި ދަނޑުވެރިންނަށް ފައިދާ ވާނެ ގޮތަށް ފެށި މި މަސައްކަތާއި އެކު ކުރިއަށް އޮތްތާގައި މޭވާއާއި ތަކުކާރީގެ ބާވަތްތައް މާކެޓަށް ނެރެވޭނެ ކަމަށެވެ.
"ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ދަނޑުވެރިންނާ ވާހަކަ ދައްކަމުން މި އަންނަނީ. ބަޓާނާ، ބަރަބޯ، ކަރާ، ޓޮމާޓޯ، ފަދަ ބާވަތްތައް ވެސް ހެއްދުމާއި ގުޅޭ ގޮތުން. ކުރިއަށް އޮތްތާނގައި ރަނގަޅުވާނެ." ހުސެއިންދީދީ
ހުސެއިންދީދީވިދާޅުވީ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ރާއްޖޭގައި ހައްދާ ތަކެތި ބޭނުން ކުރެވޭނެ ކަމަށެވެ. އެންމެ ބޮޑު މަގުސަދަކީ ސިއްހަތަށް ފައިދާހުރި ތަކެތި ރާއްޖޭން ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި މިހާރު އެކި ކައުންސިލްތަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

