ކުށްތަކުން ރައްކާތެރިކަން އިތުރު ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރ. އަތޮޅުގެ ރަށްރަށުގައި ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިނގުރައިދޫގައެވެ. މި ހަރަކާތުގައި ރައްޔިތުންނަށް އެއެކި މައުލޫމާތުތައް ފުލުހުން ވަނީ ދީފައި ވެއެވެ.
މި ޖުލައި މަހުގެ 19 ވަނަ ދުވަހު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށުގެ އެކި ސަރަހައްދުތަކާއި ފިހާރަތަކާ އަދި ގޭގެއަށް ޒިޔާރަށްކޮށް ރައްޔިތުންނަށް މައުލޫމާތުދީފައިވެއެވެ.
އެގޮތުން، ސްކޭމް ކޯލުތަކަށް ސަލާމަތްވުމަށާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ގޮތްނޭނގޭ ލިންކުތަކަށް ނުވަނުމަށާޢި، ކާކުކަންނޭނގޭ ފަރާތްތަކުންކުރާ މުއާމަލާތްތަކުގައި ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.
އޭގެ އިތުރުން، ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކަމެއް ދިމާވާ ހާލަތުގައި ފުލުހުންނަށް މައްސަލަ ހުށަޅުމުގައި އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ..

