މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަރުނަރު ކަމަށް ކުރީގެ މާލީ ވަޒީރު އަހްމަދު މުނައްވަރު އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާތީވެ، އެ ހުށަހެޅުއްވުން ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުއްވައިފިއެވެ.
ގަވާނަރުކަމުން ހާޝިމް ވަކިކޮށް، އެމަގާމަށް މި ސަރުކާރުގެ މާލީ އެޑްވައިޒަރު މުނައްވަރު ހަމަޖެއްސެވުމާމެދު ގޮތެއް ނިންމަން ރައީސް ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އިއްޔެ އެދިވަޑައިގެންފައެވެ.
މިއަދުގެ މަޖިލީސް ފައްޓަވަމުން އަހްމަދު މުނައްވަރުގެ ނަން ދިރާސާ ކުރައްވަން ދާއިމީ ކޮމެޓީއަށް ފޮނުއްވާފައިވާ ކަން ވަނީ އިއުލާން ކުރައްވާފައެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން، ރައީސް ޑރ. މުއިއްޒަށް މަޝްވަރާ ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އިއްޔެއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސް ކުރީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރ ކަންވެސް ކުރައްވާފައިވާ މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ.

