ހެނދުނުގެ ނާސްތާގެ މުހިއްމުކަން ސިއްޙީ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔަކަމުގައި ވިއަސް ނާސްތާނުކޮށް ސްކޫލްތަކަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުން މަދެއްނުވެއެވެ. ހެނދުނުގެ ނާސްތާއަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށް ފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅެވެ.
ޑޮކްޓަރުން ބުނާގޮތުގައި ހެނދުނުގެ ނާސްތާއަކީ މުޅި ދުވަހުގެ ބަނޑުހައިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ. ރޭގަނޑު ހަތަރުދަމު އެއްވެސް އެއްޗެއްނުކައި ހައިބަނޑާހުރެ ނާސްތާނުކޮށް ދޫކޮށްލުމުން ބަނޑުހައިހޫނުކަން އިތުރުވެ ލޭގައި ހުންނަ ހަކުރު ދަށްކޮށްދެއެވެ. އަދި ނާސްތާނުކުރުމަކީ ކެއުމުގެ އާދަތައް ވެސް އޮޅުންބޮޅުންކޮށްލާ ކަމެކެވެ.
ރަނގަޅު ނާސްތާއަކުން ދުވަސް ނުފެށިއްޖެނަމަ ތަފާތު ލުއިކާނާތަކާ ދިމާއަށް ދެވުން އަވަސްވެއެވެ. ހެނދުނުގެ ނާސްތާކުރުމުން މީހާގެ ހަށިގަނޑުގައި ވަރުޖެހި މެޓަބޮލިޒަމް މަތިވެއެވެ. ނާސްތާ ދޫކޮށް ހައިބަނޑާ ދުވަސް ފެށުމުން ހަކަތަ ދަށްވެ ހަރަކާތްތެރިކަން ކުޑަވެ ކަންނެތްކަން އިތުރުވެއެވެ. ރަގަޅު ނާސްތާއަކީ މުޅި ދުވަހު މީހަކަށް ލިބޭ ހަކަތައިގެ 25 ޕަސެންޓެވެ.
ހެނދުނުގެ ނާސްތާގައި ހިމަނަންޖެހެނީ ކޮން ބާވަތްތަކެއްތޯއެވެ.
މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޑޮކްޓަރުން ލަފާދެއްވާގޮތުގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީން، އަދި ފައިބަރު އެކުލެވޭ ކާނާ ހެނދުނުގެ ނާސްތާގައި ހިމަނަންޖެހޭނެއެވެ. ހޯލްގްރެއިން، ކިރު، ކޯންފްލެކްސް، މޭވާ ޖޫސްފަދަ ތަކެއްޗަކީ ރަގަޅު ކާއެއޗިއްސެވެ. މޭވާގެ ތެރެއިން އާފަލު، ފަޅޯ، އޮރެންޖް، ކަރާފަދަ ތަކެތި މަދުން ނަމަވެސް ހެނދުނުގެ ނާސްތާގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. ބައެއް ބާވަތްތަކުގެ ކާތަކެތި ހެނދުނުގެ ނާސްތާގައި ކެއުމަކީ ސިއްހަތަށް ގެއްލުން ހުރިކަމެކެވެ. މިގޮތުން ތެޔޮގަދަ ކާތަކެތި، ދަޅުގައި ބަންދުކޮށްފައިވާ ލުއިކާނާ، ޖަންކްފުޑްސް، ފަދަ ތަކެތި ބޭނުންނުކުރުން ރަގަޅެވެ.
ހެނދުނުގެ ނާސްތާ ނުކޮށް ދޫކޮށްލުމުން ލިބޭ ގެއްލުންތަކަށް ބަލާއިރު ބަރުދަން އިތުރުވުން ހިމެނެއެވެ. އަދި ހިތުގެ ބަލިތަކާއި ކަށި ފީވުން، ހަނދާން ނެތޭ ބަލިޖެހުމަކީ ވެސް ނާސްތާ ނުކުރުމުން ލިބޭ ގެއްލުމެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ނާސްތާނުކުރާ މީހުން މަސައްކަތަށް ދޭ ސަމާލުކަން ކުޑަވެ އެމީހުންގެ އުފެއްދުންތެރިކަން ދަށްވެއެވެ. ބަނޑުގައި ރިއްސުމާއި ވައިއުފެދި އަލްސަރ އުފެދުން، ބޮލުގައި ރިހުން، ފަދަ އެތައް ކަމެއް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ނާސްތާނުކޮށް ދޫކޮށްލުމުން ކުރިމަތިވެއެވެ.
އެހެންކަމުން ހެނދުނުގެ ނާސްތާއަކީ ސްކޫލަށްދާ ދަރިވަރުންނާއި މަސައްކަތަށް ވަޑައިގަންނަވާ ބޭފުޅުން، އަދި އާންމުކޮށް ހުރިހާ އެންމެންނަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު، ވަގުތު ނެތުމާއި ބަނޑުހައި ނުވުން ފަދަ އުޒުރުތައް ދައްކާ ހެނދުނު ސައިނުބޮއި ދޫކޮށްލުމަކީ ސިއްޙީ ނުރަގަޅު އާދައެކެވެ.

