"ކީއްކުރާނީ އެތަނަށް ގޮސް، އެއީ މަންމައިން ދާތަނެކޭ، އަންހެނުންގެ ތަނެކޭ،" ދަރިފުޅުގެ ޕޭރެންޓް ޓީޗަރ މީޓިންގ އަކަށް ދާން ބޭނުންވެގެން ބުނާ ކޮންމެ ފަހަރަކު ވެސް ލިބޭ ޖަވާ
އެކަމަކާ އަހަރެން އެއްބަހެއް ނުވާނަމެވެ. ސުކޫލުގައި ޖަލްސާއެއް ބޭއްވިޔަސް ބައްދަލު ވުމެއް ބޭއްވިޔަސް، ޕީޓީއޭ އަކަސް، ޕީޓީއެމް އަކަށްވިޔަސް އެތަނަކަށް ދާން ޖެހެނި ހަމަ އަންހެނުންނެވެ. މިއީ އަހަރެން ގަބޫލު ކުރާ ވާހަކައެއް ނޫނެވެ. ސަބަބަކީ އަހަރެން ގަބޫލު ކުރާ ގޮތުގައި ދަރިފުޅުގެ ސުކޫލު ކަންކަމުގައި މަންމައިން ދައްތައިންނެކޭ އެއްވަރަށް ބައްޕައިން ބޭބެއިންގެ ވެސް ހައްގު ހަމަހަމަވާނެއެވެ.
އަހަރުތަކެއްގެ ދިގު އިންތިޒާރަކަށް ފަހު މިރޭ ދަރިފުޅުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އޭނާގެ މުދައްރިސުންނާ ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބެނީއެވެ. މިފުރުސަތު ލިބުނީ ވެސް ވަރަށް ހިތްވަރުކޮށްގެނެވެ. އަހަރެމެންގެ ދެވަނަ ދަރިފުޅު ވިހައިގެން އަނބިމީހާ އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ އެހީތެރިއަކަށް މައިދައިތަ މަޑުކުރަން ޖެހުމުން ދަރިފުޅުގެ ބެލެނިވެރިއަކަށް ދާނެ އެހެން އަންހެނަކު މިގެއަކު ނުހުންނާނެތާއެވެ.

މި 2024 ވަނައަހަރުގެ ތިނަދޫސުކޫލުގެ ޕީޓީއޭ އިފްތިތާހު ކުރުމުގެ ތެރެއިން…..ފޮޓޯ:ތިނަދޫސުކޫލު އެފްބީ
މިރޭ ސުކޫލުގައި ފުރަތަމަ އޮތީ ޕޭރެންޓް ޓީޗަރ މީޓިންގ އެކެވެ. މިމީޓިންގ އަށް ފަހު ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން މީޓިންގ އެއްވެސް އޮންނާނެ ވާހަކައާއި އެހެންކަމުން ވަކިވަކި މުދައްރިސުންނާއި ބެލެނިވެރިން ދަރިވަރުންނާއެކީ ބައްދަލުކޮށްލުމަށް ހަތަކުން ފެށިގެން ނުވަ އަކަށް ވަގުތު ދިނުމަށްފަހު ނުވަގަޑި ބައިން ދިހަގަޑި ބަޔަށް ކަނޑައަޅާފައި އޮތީ ޕީޓީއޭ މީޓިންގ އެވެ.
ބައްޕަ އާއެކުގައި ޓީޗަރުންނާ ބައްދަލު ކުރާނެ މިރަނުގެ ފުރުސަތު ލިބުނީތީ އަހަރެންގެ ބާރަ އަހަރުގެ ފިރިހެންދަރިފުޅު އުފާވެފައި ހުރި މިންވަރު އޭނާގެ މޫނުމަތިންވެސް ފާޅުވެ އެނގެއެވެ. އެހެން އެއްވެސް ދަރިވަރަކާ އެކު ބައްޕައެއް ބޭބެއެއް ނުވަތަ ކާފައެއްވެސް އައިސްފައި ނެތެވެ. ހުރިހާ ދަރިވަރުންނާ އެކުގައި އައިސް ތިބީ އާއިލާގެ ކޮންމެވެސް އަންހެނެކެވެ. ގްރޭޑް ހަތެއްގެ ދެ ކުލާހުގެ ފަސްދޮޅަކަށްހާ ދަރިވަރުންގެ ތެރެއިން އެއްވެސް ކުއްޖަކާއެކު ބައްޕައެއް ނުވަތަ ބޭބެއެއް ނޫނީ އެހެންވެސް އާއިލާގެ ފިރިހެން ބެލެނިވެރިއަކު ނެތެވެ. އަހަރެން ފިޔަވައެވެ.

ތ ކަނޑޫދޫ ޕީޓީއޭ، ސުކޫލުބޯޑްމީޓިން….މިނިސްޓްރީއޮފްއެޑިއުކޭޝަން، އެފްބީ
މުދައްރިސުންގެ ފަރާތުން ލިބުނީ ވަރަށްވެސް އުފާވާފަދަ ތަރުހީބެކެވެ. ކޮންމެ މުދައްރިސަކުވެސް ބައްޕައެއްގެ ހައިސިއްޔަތުން މިރޭ އަހަރެން އައީތީ މަރުހަބާ ކިޔެވެ. އަދި މިގޮތަށް އައުމަށް މަޝްވަރާވެސް ދިނެވެ.
ޕީޓީ މީޓިންގ ނިމިއްޖެއެވެ. ދަރިފުޅު ހުރީ ވަރަށް އުފާވެފައެވެ. އަހަރެން އޭނަ ގޮވައިގެން ގޮސް ގެއަށް ލުމަށްފަހު އަވަހަށް އެނބުރި ދިޔައީ ޕީޓީއޭ މީޓިންގއަށެވެ.
ޕީޓީއޭ މީޓިންގ ގެ ކުރީ ގޮނޑިބަރިން މެދެއްހާ ތަނުގައި ހުރި ހުސްގޮނޑިއެއްގައި ގޮސް އިށީނދެ ހަމަޖެހިލީމެވެ، އޭރު އެހެން އެންމެންގެ ލޯ އަމާޒުވެފައި ހުރީ އަހަންނާ ދިމާއަށް ކަން އެނގުމުން ކުޑަކޮށް އުނދަގޫވާ ގޮތެއް ވިއެވެ. އެހެންނަމަވެސް ފުންނޭވާއެއް ލާފައި އެހެންމީހުންނަށް ހިނިތުންވެލީމެވެ. އެހެންނަމަވެސް އަހަރެންގެ ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިން އަންހެން މީހާ ތެދުވެގެން ދުރުގައި ހުރި ގޮނޑިއަކަށް ދިއުމުން ވަރަށް ބޮޑަށް އުނދަގޫވިއެވެ. ހިތަށް އަރާފޭބި އެއްޗެހި ގިނައެވެ.
ޕީޓީއޭ މީޓިންގ ފަށައިފިއެވެ. ފެށިގެން ނިމެންދެންވެސް އެއްވެސް މީހަކު އަހަންނަށް ސަމާލުކަމެއް ނުދިނެވެ. އެތަނުގައި ނެތް މީހެއް ކަހަލައެެވެ. އެހެންނަމަވެސް މި ބައްދަލުވުން މިހާ ކުއްލިގޮތަކަށް ބޭއްވީ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ކޮމްޕިއުޓަރ ކްލާސް އަދި ލެބޯޓްރީ ހިންގުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށްޓަކައި ފަންޑް ހޯދުމަށް މަޝްވަރާ ކުރުމަށެވެ. މިކަމަށްޓަކައި ބެލެނިވެރިންގެ ފަރާތުން ހިޔާލު ހޯދުމަށެވެ. އެކި ބެލެނިވެރިން އެކި ހިޔާލު ދެމުން އައިސް އަހަންނާ ހަމައަށްވެސް އައިސްފިއެވެ. އަހަރެން ކުޑަކޮށް ކަރުކެހިލާފައި އަހަރެންގެ ހިޔާލު ބުނެދިނީމެވެ.
ގިނަ އަންހެނުން ހިޔާލު ދިނީ ހެދިކާ ވިއްކުމަށް ހާއްސަ ހަވީރެއް ބޭއްވުމަށެވެ. އަހަރެން އެކަމަށް ތާއީދު ކުރީމެވެ. އެކަމަކު އެޔަށް އިތުރު ނަފާވާނެ ބައަކާއެކުގައެވެ.

ހިތަދޫސުކޫލުގެ 2020ވަނައަހަރުގެ ޕީޓީއޭ އިފްތިތާހުކުރުމުގެ ތެރެއިން،މިތަނުގައިވެސް 2 ފިރިހެނުން ނޫނީ ތިބީ އަންހެންބޭފުޅުން….ފޮޓޯ: ހިތަދޫސުކޫލުއެފްބީ
ކުރިއަށް އޮތީ ޖުލައިސައްބީހެވެ. މުނާސަބަތާ ދިމާކޮށް ކުޑަވަރެއްގެ ކާނިވަލެއް ކަހަލަ ކަމެއް ކުރުން ކިހިނެއްވާނެތޯ އަހާލީމެވެ. އެކަމަށް ބޭނުންވާނީ ތަނަކާއި ސްޓޯލްތައް އަތުރާނޭ ސާމާނެވެ. ސްޓޯލްތަކުގައި ބައެއްކަހަލަ ކުޅިވަރުތަކާއި ކުދިންގެ ހުނަރުދެއްކުމާއި ބޭނުންކޮށްފައި ހުރި ސާމާނުތަކުން ޖަމްބްލް ސޭލެއް ބޭއްވިދާނެއެވެ. ހެދިކާގެ އިތުރުން އެހެނިހެން ކާތަކެތިވެސް ތައްޔާރުކުރެވިދާނެއެވެ. އައިސްކްރީމާއި ލޮލީވެސް ވިއްކިދާނެއެވެ.
އެކިގޭޭގޭގައި ބޭނުންނުކޮށް ހުރި ވާހަކަފޮތްތައް ވެސް ވިއްކިދާނެއެވެ. މި ބެލެނިވެރިންގެ ތެރޭގައި ހުނަރުވެރިން މަދެއްނޫނެވެ. ފަހާމީހުން އެބަތިއްބެވެ. ހުރިހާ ފަހާ ބެލެނިވެރިން އެކުވެގެން 25 ވަނަ ދުވަހު އޯޑަރު ނެގުމަށް ހުޅުވާލާށެވެ، 26، 27 ސްޓޯލްތަކުގައި ތިބެގެން އޯޑަރުތައް ނަގަމުން ފަހައިދެމުން ގެންދެވިދާނެއެވެ، ކުދިކުދި އާދައިގެ ސާމާނުތަކާއި ކުދި ހެދުންކޮޅުތައް އަގުހެޔޮކޮށް ލިބޭ ތިން ދުވަހުގެ ތާޒާ ސޭލްއެކެވެ. ދަރިވަރުންގެ ހުނަރު ވެސް ބޭނުން ކުރެވިދާނެއެވެ.
އަހަރެންގެ ހިޔާލަށް ތާއީދު ލިބުނެވެ. ބެލެނިވެރިން އުފާވެފައި ތާއީދު ކުރިއެވެ. އޭގެ ކުރިން ބައިގަޑިއިރު ވަންދެން އަހަންނަށް އިހުސާސްވަމުންދިޔަ ހާސްކަމާއި ކަންބޮޑުވުން ފިލާ ދިޔައެވެ.

އިމާދުއްދީނުސުކޫލުގެ 2020ވަނައަހަރުގެ ޖަލްސާްއެއްގެ ތެރެއިން، ބެލެނިވެރިންނަށް ގިނައީ އަންހެނުން، ….ފޮޓޯ: އިމާދުއްދީނުސުކޫލުއެފްބީ
ބެލެނިވެރިންގެ ގޮތުގައި ތާއަބަދު އަންހެނުން ދާން މަޖުބޫރު ކުރާ އެއްވެސް ކަމެއް ނޯންނައިރު އެއީ ގަވާއިދަކަށް ހެދީ އަހަރެމެން އަމިއްލައަކަށް ނޫންތޯއެވެ. ރަނގަޅުވާހަކައެކެވެ. ގިނަ ފަހަރަށް ބައްޕައިންނަށް ވަގުތެއް ނުލިބެއެވެ. މަސައްކަތް ހުންނަ ގޮތުންނާއި އާދަކާދައިގެ ކަސްތޮޅުގައި ތާށިވެފައި ތިބޭތީއެވެ. ފަންޑަށް ފައިސާދޭން ވުމުން ބައްޕައިންގެ ޖީބަށް ބާރު ކުރާ އިރު މީޓީންގ ތަކުގެ ގޮނޑިތަކުގައި ބައްޕައިންނަށް ޖާގަވެސް އޮންނަން ވާނެ ނޫންހެއްޔެެވެ.
ހަގީގަތުގައި އަންހެނުންގެ ތަނަކަށް ޕީޓީއޭ މީޓިންގ ތައް ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ތަނަކީ ތިއްތިވެގެން ޗާލު ދައްކަން ދާ ފެޝަން ޝޯވއެއް ނޫނެވެ. ނުވަތަ ފޮނި ކެނޑުމަށް ބާއްވާ ޕާޓީއެއްވެސް ނޫނެވެ.
އެއީ އަހަރެމެންގެ ދަރިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް މަޝްވަރާ ކުރުމަށް، މުދައްރިސުންނާއެކު ދަރިންގެ ވާހަކަ ހިއްސާކޮށް ކަންކަމަށް ހައްލު ހޯދުމަށް ބާއްވާ ބައްދަލުވުންތަކެކެވެ، ވީއިރު އެތަނަށް މަންމައެކޭ އެއްވަރަށް ބައްޕަގެވެސް ހައްގު އޮންނާނެ ނޫންތޯއެވެ. މުދައްރިސުންނަކީ ދަރިންގެ ދެވަނަ ބެލެނިވެރިންނެވެ. ދުވަހުގެ ބޮޑުބައެއް ކުދިން ހޭދަކުރަނީ އެމީހުންނާއެކުގައެވެ. އެހެންކަމުން ކުދިންގެ އެތައް ކަމެއް މި މުދައްރިސުންނަށް ފެނިު އެނގޭނެއެވެ. ވީއިރު ތިމާގެ ދަރިފުޅުގެ ކަންކަން ދެނެގަނެ އެދަރިފުޅު ކުރިމަގު އުޖާލާ ކުރުމަށް އެހީތެެެރިވާ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރިހަމަ ހައްގު ބައްޕައިންނަށްވެސް އޮންނާނެއެވެ.
މިއީ ދިވެހިންގެ ތެރޭގައި އޮތް ބަދަލު ގެންނަން "ޖެހޭ" އާދައެކެވެ.

