ޕަޑީ “އައުޓްސްޓޭންޑިންގް ކޮންޓްރިބިއުޝަން ޓު ފީމޭލް ޑައިވިން” އެވޯޑް ރާއްޖެއަށް ލިބުނު ކަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާނު ކޮށްފިއެވެ.
މިއީ ރާއްޖޭގެ އަންހެން ޑައިވަރުންނަށް ދުނިޔޭގެ ފެންވަަރުގައި މިފަދަ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑު ލިބިފައިވަނީ އަންހެން ޑައިވަރުންނަށް އިސްކަންދިނުމުގައި އެޓްމޮސްފެއަރ ކޯރ އިން ހިންގާ ސެންޓީޑޯ ގެ އޮބްލޫ ނޭޗަރ ހެލެނގެލި ރިސޯޓާއި، އެމީހުންގެ ޑައިވް ޕާރޓްނަރ ޓީޖީއައި މޯލްޑިވިސްއަށެވެ.
ޕަޑީ ދުނިޔޭގެ އެއްވަނަ ސްކޫބާ ޑައިވިން އޯގަނައިޒޭޝަން އިން ވަނީ އޮބްލޫ ނޭޗަރ ހެލެނގެލި އަދި ޓީޖީއައި މޯލްޑިވްސް އިން ޑައިވިން އަށް އަންހެނުން ހޭލުންތެރިކޮށް ދުނިޔޭގެ ފެންވަރުގައި އަންހެން ޑައިވަރުންނަށް ފުރުސަތު ފަހިކުރުމަށް ދޭ އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ރިސޯޓުގައި އަންހެން ޑައިވަރުންނަށް އަމާޒުކޮށްގެން ބިގިނާސް އިން ފެށިގެން ޕްރޮފެޝަނަލް ލެވެލްއާއި، ފެންވަރުގެ ޕަޑީ ސާޓިފައިޑް ޑައިވިން ކޯސްތައް ހިންގައެވެ.
ޕަޑީގެ ރީޖަނަލް މެނޭޖަރު މެޓް ވެންގާ ވިދާޅުވީ، 1966 ވަނަ އަހަރު އުފެދުނީއްސުރެ ޕަޑީގެ މައިގަނޑު އަސާސަކީ އަންހެން ޑައިވަރުން ދާއިރާއަށް ނެރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން ކަމަށެވެ. ޕަޑީ އަކީ ޑައިވިން ޕްރޮމޯޓް ކުރުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި އަންހެން ޑައިވަރުން އިތުރުވަމުން އަންނަކަން ފާހަގަކޮށް، އަންހެން ޑައިވަރުންނަށް އެންމެ ރަނގަޅު ޑައިވް ސައިޓްތަކާއި މަންޒިލްތަކަކީ ކޮބައިކަން ދެނެގަނެ، އެންމެން އެއްކޮށް އަތުގުޅައިލައިގެން މަސައްކަތް ކުރަންޖެހޭކަމަށް ވެސް މެޓް ވެންގާ ފާހަގަކުރެއްވިއެވެ.
ހެލެނގެލީގެ ބީޗުގައި ބޭއްވި މި އެވޯޑު ހަފްލާގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓޫރިޒަމް، ޑރ އަބްދުالله ނިޔާޒް އަދި ރާއްޖެއާއި ސީޝެލްސްއާއި މޮރިޝަސްއަށް ކަނޑައަޅުއްވާފައިވާ ޕަޑީގެ ރީޖަނަލް މެނޭޖަރ މެޓް ވެންގަރ ވަނީ ބައިވެރިވެފައެވެ.
ނިޔާޒް ވިދާޅުވީ، މި އެވޯޑުގެ ސަބަބުން ހުރިހާ ފަތުރުވެރިންނަށްވެސް އާދަޔާ ހިލާފު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.

