ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށައިފިއެވެ.
މިކަމާ ގުޅިގެން އެ އޮފީހުން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގައި އޭސީސީ އާއި އޮޑިޓް އޮފީހާއި ބައްދަލުކޮށްފައިވާ ކަމަށާއި މިކަމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން މިމަސައްކަތުގެ ދަށުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމް މިއަދު ވަނީ އޮޑިޓާ ޖެނަރަލް ހަސަން ނިޔާޒީއާއި އެ އޮފީހުގެ އިސްވެރިންނާ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ދާދިފަހުން އޭސީސީ އިން ދައުލަތަށް ގެއްލިފައިވާ ފައިސާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ އެކި އިދާރާތަކަށް މިހާތަނަށް އަންގާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ދައުލަތަށް ހޯދަން އެދުނު ފައިސާގެ ތެރެއިން ހޯދުނީ އެންމެ 100 މިލިއަނެއްހާ ރުފިޔާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ

