މާކެޓް ރޭޓުގައި އައްޑޫސިޓީ އިންޖީނުގެ އަޅާ ކަމަށް ވާނަމަ 44 މިލިއަނަށް ނިމޭނެ ކަމަށް އަންދާޒާ ކުރެވޭ އިންޖީނުގެ އެޅުމަށް މިދިޔަ ސަރުކާރުން 77 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ ފޭސްބުކު މެދުވެރިކޮށް ކުރެއްވި ޕޯސްޓޭއްގައެވެ.
މުއާޒް އިތުރަށް ވިދާޅުވީ މާކެޓް ރޭޓުގައި 44 މިލިއަނަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ޚަރަދު ކުރިއިރުވެސް ނުނިމޭކަމަށެވެ. އަދި ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.
މާކެޓް ރޭޓުގައި 44 މިލިއަން ރުފިޔާ އަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ޚަރަދު ކުރިއިރުވެސް ނުނިމުން. ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވުން.
އައްޑޫސިޓީ އިންޖީނުގެ އިމާރާތް ކުރުމަށް މަސައްކަތް ފެއްޓީ ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށެވެ. ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނަގައި 22 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މަސައްކަތުގެ ތެރެއިން ޕެޓީ ކޭޝްގެ ގޮތުގައި 2 މިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އަދި މަސައްކަތުގެ މެޓީރިއަލް ކޯސްޓުގެ ގޮތުގައި ވަނީ 20 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މުޅި ޖުމްލަ އެ ޕްރޮޖްކެޓަށް 77 މިލިއަން ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައެވެ. އެހެން ނަމަވެސް އިމާރާތުގެ ބޮޑުބައެއް އަދިވެސް ވަނީ ނުނިމިއެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ. އެހެން ނަމަވެސް ފެނަކައިން ބުނީ އައްޑޫސިޓީއަށް ކަރަންޓް ދާއިމީ ގޮތެއްގައި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

