އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ ހާލަތަށް ދާއިމީހައްލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް ވިދާޅުވީ އައްޑޫސިޓީގެ ކަރަންޓްގެ ހާލަތު މިދަރަޖައަށް ވެއްޓެން ދިމާވީ ކުރީ ސަރުކާރުގައި ފެނަކައިން ގެންގުޅެފައިވާ ސިޔާސަތެއްގެ ސަބަބުން ކަމަށެވެ. ވަރަށް ތަފްސީލްކޮށް މުއާޒް ވިދާޅުވީ އައްޑޫ ސިޓީގެ އެއްވެސް ޖަނަރޭޓަރެއްގެ މެއިންޓަނަންސް މަސައްކަތެއް ކޮށޤފައިވާ ނުވާ ކަމަށެވެ. އަދި ކަރަންޓް ދިނުމަށް އިމާރާތެއް އެޅުމުގެ ނަމުގައި ވެސް ވެފައިވަނީ ހިޔާނާތް ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިދިޔަ މަހުގައި ވަނީ ޗައިނާގެ ކުންފުންޏަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން 32 މެގަވޯޓު ކަރަންޓް އުފެއްދޭނެއެވެ.

އައްޑޫ ސިޓީގެ ކަރަންޓް ހާލަތާއި ގުޅިގެން މުއާޒް " ހުވަދޫ" އަށް ވިދާޅުވީ މިސަރުކާރުން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި މިމަސައްކަތް ނިމުމުން 20 އަހަރު ދުވަސް ވަންދެން އިތުރަށް މައްސަލަޖެހި އުޅެން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކަރަންޓް ދިނުމަކީ ޓެކްނިކަލް މަސައްކަތެއްވުމުން ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށެވެ. ނިޒާމީ މައްސަލައެއް ޖެހި ދިގުމުއްދަތަަށް ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި ނޯންނާނެ ކަމުގެ ޔަގީކަން އަރުވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ ޙާލަތު ރަނގަޅުކުރުމާއެކު، ރާއްޖޭގެ ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލައަށް ރަނގަޅު ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

ފެނަކަ އޮތީ ހަމައެކަނި ދަރާފައި ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަންވެސް އެދެވޭގޮތެއްގައި ބަލަހައްޓާފައިނުވާކަމަށެވެ. އޭގެސަބަބުން ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރުވެސް ބައެއް ރަށްތަކަށް ޖެންސެޓުތައް ގެންގޮސް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައިވަނީ. ފެނަކައިގެ ހާލަތު ރަނގަޅުކުމާއެކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.

