ޗައިނާގެ ކުންމިން ސިޓީގައި މިއަދު އިފްތިތާޙު ކުރި، 5 ވަނަ ޗައިނާ – ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު، ސީއެސްއޭސީއެފް ގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ތަޤްރީރު ކުރައްވައި ސަރަހައްދީ އެއްބައިވަންތަކަމަށް ގޮވާލައްވައިފިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދަށް ވިދާޅުވެ ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފޯރަމް އިންތިޒާމް ކުރެއްވި ފަރާތުގެ މެހްމާންދާރިއާއި އިންތިޒާމުގެ ފުރިހަމަކަމުން އެފަރާތަށްވެސް ޚާއްޞަ ޝުކުރެއް ރައްދުކުރެއްވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، ބޯދާޒަމާނުގެ ޙަޟާރަތުގައި ވިޔަފާރިއާއި ސަޤާފަތް ބަދަލު ކުރުމުގެ މަރުކަޒެއްގެ ގޮތުގައި ކުންމިން ސިޓީ އަދާކޮށްފައިވާ ތާރީޚީ ދައުރަށް އަލިއަޅުވައި ލެއްވިއެވެ. އެގޮތުން، އެސިޓީން އަދާކޮށްދީފައިވާ ދައުރަކީ ޒަމާންތަކަކަށް ދެމިގެންދާ ސަރަހައްދީ އެއްބާރުލުން ރަމްޒުކޮށްދޭ ދައުރެއް ކަމަށާއި، އެއީ އިންސާނީ ޙަޟާރަތަށް ފުންއަސަރުތަކެއް ކޮށްދީފައިވާ ގުޅުންތަކެއް ބިނާކޮށްދިން މަދަނިއްޔަތުގެ މަރުކަޒެއްކަންވެސް ފާހަގަ ކުރެއްވިއެވެ.
މިއަދު މި އިފްތިތާޙު ކުރެވުނު ފޯރަމްގެ މައުޟޫޢަކީ، ސަރަހައްދީ ތަރައްޤީއަށްޓަކައި ޚިޔާލާތު އެއްގޮތް ކުރުމަށް ބާރުއަޅާ މައުޟޫއެކެވެ.
“ބިލްޑް ކޮންސެންސަސް ފޯ ރީޖަނަލް ޑިވެލޮޕްމަންޓް” ގެ މައުޟޫޢަކީ، ދެކުނު އޭޝިއާ ސަރަޙައްދަށް މުހިންމު އަމާޒަކަށް މަގު ދައްކުވައިދޭ މައުޟޫޢެއްކަމުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގެ ނާޒުކު ޙާލަތު ބައިވެރިންނަށް ސިފަކޮށްދެއްވިއެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސަރަހައްދުގެ ތިޔާގިކަމާއި ފާގަތިކަން އަދި ތަރައްޤީ ބިނާވެފައި ވަނީ، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ތަރައްޤީގެ މަގުގައި ނަތީޖާ ޙާޞިލު ކުރެވޭނީ، ޚިޔާލު އެއްގޮތްކޮށް ކުރުމާއެކު އެއްބަޔަކު އަނެއްބަޔަކަށް ދަނެފަރިތަކަމާއެކު ބަދަހިގުޅުމަކުން ގުޅިގެން ތިބެގެން ކަމަށްވެސް ވިދާޅުވިއެވެ. ދެކުނު އޭޝިއާގެ ސަރަޙައްދުގެ ސުލްޙަމަސަލަސްކަމަށް ބާރުއަޅުއްވަމުން އެމަނިކުފާނު ވަނީ ހުރިހައި ޤައުމަކުންވެސް އެކުވެރިކަމާއި ޚިޔާލާތު އެއްގޮތް ކުރުން އިސްކުރުމާއެކު، ޖަމާޢީ ތަރައްޤީއަށް ކޮންމެ ބަޔަކުވެސް އަނެއް ބަޔެއްގެ ތަފާތުކަމާއި ހުނަރާއި ޤާބިލުކަމުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.
“ތަފާތު ޚިޔާލާތު އެއްގޮތް ކުރުމަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަމެއް ނޫން! އެއީ، ސުލްހައިގެ ވެށްޓެއް ބިނާކުރުމަށާއި ދޭދޭ ޤައުމުގެ ގުޅުން އިޙުތިރާމްގެ މައްޗަށް ބިނާ ކުރުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއް،” އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއްބާރުލުމާއި މަޝްވަރާގެ މަތިވެރި އުޞޫލު އިސްކުރުމުން ނާޒުކު ޙާލަތްތަކުން އަރައިގަނެވި، ސަރަޙައްދުގައި އަމާން ޞުލްޙަވެރި މާޙައުލެއް ޤާއިމް ކުރެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް އިޝާރާތް ކުރައްވައި އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، ދިވެހިރާއްޖެއިން ދެކެނީ، ކޮންމެ ޤައުމަކުންވެސް އަނެއް ޤައުމަކާއެކު އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ އުޞޫލު އިސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ސިޔާސަތު ބައްޓަން ކުރެވޭނަމަ، އެކަމުގެ އަލީގައި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިވެ، ދޭދޭ ޤައުމުގެ ދެމެދުގެ ވިޔަފާރިއަށް މަގުފަހިވެގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައި ލެއްވީ، ޗައިނާ ސަރުކާރާއި މި ފޯރަމް އިންތިޒާމް ކުރާ ފަރާތުން އެމަނިކުފާނަށާއި ވަފްދަށް އެރުވި ލާމަސީލު މެހްމާންދާރީއަށް ޝުކުރު އަދާކުރައްވަމުންނެވެ.

