ފުލުހުން ގެ ބެލުމުގެ ދަށުގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން މިކަމާ ގުޅިގެން ބުނެފައިވަނީ ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 187 ބްރޭންޑެޑް ފުޅި، 217 ޕެޓް ފުޅި އަދި 788 ދަޅު ބިޔަރާއި އޭގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 38 އައިޓަމް ނައްތައިލާފައިވާކަމަށެވެ. އެގޮތުން ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނޭ ކަމަށް ވެސް ބުނެއެވެ.
އަދި މިއަދު ނައްތާލި ބަނގުރަލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލުގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުން ކަމަށެވެ.

