މާލެ ސަރަޙައްދުގައި މުދާ އުފުލާ ގަޑިތަކަށާއި ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމަވާފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
“މާލެފަހި” މަޝްރޫޢުގެ ދަށުން މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ސައިޒެއްގެ ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8 އިން ފަތިހު 5 އަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. މިބަދަލުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށާއި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ޙަކަތައާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިކަމަށް ޙައްލެއް ގެނައުމަށް ކުރިން މާލެ ސަރަޙައްދުގައި ކުނި ނަގާ އުޞޫލަށް ބަދަލު ގެނެސް ކޮންމެ ރެއެއްގެ 10 އަކުން ފަތިހު 5 އަށް ބަދަލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
މާލެފަހި ޕްރޮގްރާމްގެ ދަށުން މި ދެ މަސައްކަތްވެސް އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދެ ބަދަލުވެސް ކުރިއަށްއޮތް 6 މަސްތެރޭގައި އެއްކޮށް ތަންފީޒު ކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

