ސިޓީތަކާއި އިދާރީ ދާއިރާތަކާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީއާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ގުޅިގެން “އުފާވެރި ރާއްޖެ” އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުން ބާއްވާފައިވަނީ އިސްލާމިކް ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމްގައެވެ.
ހެޕިނެސް އިންޑެކްސް (އުފާވެރި ރާއްޖެ އިންޑެކްސް) މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާރސިޓީ މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.
ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުބައްދަލުވުން ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ޔުނިވާރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ.
އެ މަސައްކަތުބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ޚާއްޞަ ކުރައްވާފައި ވަނީ ސިޓިތަކާއި އިދާރީ ދާއިރާތާކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށެވެ. ކުރިއަށް އޮތްތަނުގައި އެ ފަދަ މަސައްކަތު ބައްދަލުވުންތައް އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

