މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު އޮންނާނެ

59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ “ޝަރަފުގެ ހިނގާލުން” މާދަމާ ހަވީރު މާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑިއެފްއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވާ ޝަރަފުގެ ހިނގާލުން ފަށާނީ، މާދަމާ ހަވީރު 16:15 ގައި ބަންޑާރަކޮށިން ކަމަށެވެ.
އެ ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، އެއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށް ކަމަށް އެމްއެންޑިއެފްއިން ބުނެއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. އެ ޝިއާރަކީ “ދިވެހިންގެ އަމިއްލަ ވަންތަކަން، ދިވެހިންގެ މިނިވަންކަން،” އެވެ.
މިނިވަން ދުވަސް ކުލަގަދަކޮށް މި ސަރުކާރުން ފާހަގަކުރުމަށް ނިންމި ނަމަވެސް ފަހުން އެކަން ވަނީ ކެންސަލްކޮށްފައެވެ. މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ސަރުކާރުން ވަނީ ކުރިން ނިންމައިފައެވެ.
