ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީ އިން މިކަމާ ގުޅިގެން ބުނީ މި މަޝްރޫޢުގެ ދަށުން 19 މަގެއްވަނީ ތަރައްޤީ ކުރެވިފައި ވާ ކަމަށާއި މިހުރިހާ މަގަކާއެކު ޖުމްލަ 7.8 ކިލޯ މީޓަރުގެ މަސައްކަތް ކުރެވިފައިވާކަމަށެވެ.
ތިނަދޫ ސިޓީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން އެ ސިޓީގައި އާރުޑީސީގެ ސައިޓު ޤާއިމުގެ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 1 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި އާއެކު ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ ޕްރީ ކާސްޓްގެ މަސައްކަތް ފެށިކަމަށް އާރުޑީސީ އިން ބުނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު ކަމަށާއި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދިޔައިރު ކުރިއަށްދިޔައީ މަޑުފެހި މަގުގެ ސައިޑް ވޯކް ކޮންކުރިޓް ކީވޯލް އެޅުމާއި އާބާދީ ހިނގުމުގައި ޕޭވް ކުރުމުގެ މަސައްކަތް އަދި އެހެން މަގުތަކުގައިވެސް މި މަސައްކަތްތައް ކަމަށް އާރުޑީސީ އިން ބުނެއެވެ. އަދި 2023 ވަނަ އަހަރުގެ އޭޕްރިލް މަހަށް އެޅުނު އިރު، އާބާދީ ހިގުމާއި އޯކިޑްމަގާއި ރަނަހަމައިދިމަގުގައި އޭބީސީ ލޭޔަރ އެޅުމަށް ތައްޔާރުވުމުގެ ގޮތުން މަގުތަކުން ވެލިނަގައި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތާއި އޭގެ އިތުރުން އާބާދީ ހިނގުމުގެ ތާރު އަޅާ ސަރަހައްދުގައި ބިޓުމެން (އެމްސީ-30) ސްޕްރޭ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށް އާރުޑީސީ އިން ބުނެއެވެ.
އަދި އިތުރަށް އާރުޑީސީ އިން ބުނީ 2023 ވަނަ އަހަރުގެ މެއިމަހު މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި މިމަޝްރޫޢުގެ މި ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓް އުސޫލުން 64 ފަރާތެއް މުވައްޒަފުންގެ ގޮތުގައި އާރުޑީސީގެ ވަޒީފާއެއް ނެގި ކަމަށެވެ . އަދި 64 މުވައްޒަފުންނަކީ ތިނަދޫ ސިޓީން ނެގި މުވައްޒަފުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫއު އަކީ ޖުމްލަ 78,800,081.10 ދިވެހި ރުފިޔާގެ މަޝްރޫއު އެއް ކަމަށް ވެސް އެ ކުންދުނިން ބުނެއެވެ.

