މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާމެދު ހުށަހަޅާފައިވާ ގަރާރަށް އާންމުންގެ ހިޔާލަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް ރައްޔިތުުންގެ މަޖިލީހުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުން މަދުކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް އާއްމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި މި ގަރާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާ ކުރަމުންދާ ކަމަށެވެ.
މި ގަރާރަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އެ ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހެޅުމުގެ ސުންގަނޑި އަކީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ކަމަށާއި ހިޔަލާއި ކޮމެންޓް ހުށައަޅާނީ ލިޔުމުންކަމަށް ވެސް މަޖިލީހުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ގަރާރެއް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

