އެކި ދުވަސްމަތިން ރާއްޖެ އާއި ތޮޅެން އައި އަދުއްވުން ދިވެހިންގެ ހުށިޔާރުކަމާއި ކުޅަދާނަކަމުން ވަނީ ފައްސާލާފައެވެ. ކޮންމެ ހާލެއްގައިވެސް ދިވެހިން ދައްކާފައިވަނީ އެކުވެރިކަމާއި އެބައިވަންތަކަމުގެ ނަމޫނާއެވެ. ކޮންމެ ފަހަރެއްގައިވެސް މިގޮތަށް އަންނަ ފަރާތްތައްޖެހެނީ ހަތިޔާރު ބަހައްޓާފައި ފެޔަށްޖެހޭށެވެ.
ޖުލައި 26 ކޮބާ؟ މިނިވަން ދުވަހަކީ ކޮބާ؟
މި ސުވާލު ކޮށްފިނަމަ މި ދުވަހަކީ ކޮބައިކަން އެނގެނީ ތިޔައިންގެ ތެރެއިން ކިތައްމީހުންނަށްތޯއެވެ. ހެދި ބޮޑުވަމުންދާ މި ޖީލަށް ޖުލައި 26 ނޭނގި އޮވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަނގީގަތުގައި ވަރަށް ދެރަ ކަމެކެވެ. ސަބަބުތައްވެސް ވަރަށް ބައިވަރެވެ. މި ރިޕޯޓަށް މައުލޫމާތު ހޯދާލުމަށް އެކި ފަރާތްތަކާ ވާހަކަ ދައްކާލީމެވެ. 16، 17، 18، އަހަރުން ފެށިގެން 30 އަހަރާ ދެމެދުގެ ގިނަ ޒުވާނުންނަށް ޖުލައި 26 މިއީ ހަމައެކަނި ޖުލައި މަހުގެ 26 ވަނަ ދުވަސް ނޫންގޮތަކަށް އެނގޭކަމަކަށް ނުވެއެވެ.
މިނިވަން ދުވަހެއްގެ ވާހަކަ މިގޮތަށް ދައްކާލެވޭއިރު، ދުނިޔެއަށް ލޯ ހުޅުވާލެވުނީއްސުރެ ރާއްޖެއިން ފެންނަނީ މިނިވަން ކަމެވެ. ނަމަވެސް އެކިފަހަރު މަތިން އަމިއްލަ ސިޔާދަތު ގެއްލިފައިވާތަން ތާރީހުން ފެނިފައި އެބަހުއްޓެވެ. މިގޮތުން ޕޯޗްގީޒުން ރާއްޖެއާއި ތޮޅެން އައިސް އެތަކެއް ދުވަހެއްވަންދެން އުޅެނެވެ. ހޮޅިން ރާއްޖެ އަރައި ރާއްޖޭގެ ބާރުގެ މައްޗަށް އަތްގަދަކުރިއެވެ.
މި ދުވަސްތަކާ ދިވެހިން ކުރިމަތިލާން ޖެހުނު ނަމަވެސް މިނިވަސްދުވަހެއް ހާއްސަކޮށް ވަކި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވެންފެށީ އިގިރޭސީން ރާއްޖެއަށް އައިސްތިބި ތިބުމާއިއެކުގައެވެ. އެއީ އިގިރޭސީންގެ ހިމާޔާތުގައި ރާއްޖެ އޮވެ އިގިރޭސީން ރާއްޖެއަށް އަތްގަދަކޮށް ރާއްޖޭގެ ވަސީލަތްތައް ބޭނުން ހިފަމުންދާ ކަމަށް އޭރުގެ ސަރުކާރަށް ގަބޫލު ކުރެވިގެންނެވެ.
1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާ ހަމައަށް އިގިރޭސީން ރާއްޖޭގައި ތިއްބެވެ. އެހާހިސާބުން އެއްބަސްވުމެއްގާ ސޮއިކޮށް އިގިރޭސީން ރާއްޖޭން ފޮނުވާލިއެވެ. މިނިވަންކަމުގެ އެއްވަސްވުމުގައި ސޮއި ކުރެވުނީ 1965 ވަނަ އަހަރު ޖުލައިމަހު 26 ވަނަ ދުވަހުއެވެ. އޭރުގެ ރާއްޖޭގެ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވި އިބްރާހީމް ނާސިރު ރާއްޖެ މިނިވަންކަމުގެ އެއްބަސްވުމުގާ ސޮއި ކުރުމާއި އެކުގައެވެ. އެދުވަހަށްފަހުން ފެށިގެން މިއަދާ ހަމަޔަށް ރާއްޖެމިއީ މިނިވަން ގައުމެއްގެގޮތުގައެވެ.
އިނިގިރޭސިންގެ އަޅުވެތި ކަމުގައި ދިވެހިން އުފުލަން ޖެހުނު އުދަނގޫތަކުގެ ވާހަކަތައް ތާއަބަދު އަޑުއިވެއެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އޭރުއޮތް އިނގިރޭސިން، ރާއްޖެ ކަހަލަ ކުޑަގައުމެއް އިސްތިއުމާރު ކޮށްގެން ދިވެހިންނަށް ‘ދުއްޕާން ތަކެއް ކުރިވާހަކަތައް މިއިވެސް އޭރުގެ މުސްކުޅިން ކިޔާ ވާހަކަތަކެވެ. ނަމަވެސް އޭގެ ފަހަތުގައި އެތައްކަންތައްތަކެއްވެއެވެ.
އިގިރޭސީންގެ ފަރާތުންވި ފައިދާތަކުގެ ވާހަކަތައްވެސް އެތައްބަޔަކު ދައްކައެވެ. އިގިރޭސީން ތިބި ދުވަސްވަރު ތަނަވަސްކަންމަތީގައި ދިރިއުޅުނު ގޮތުގެ ވާހަކަތައްވެސް ދެކެވެއެވެ. ނަމަވެސް ބޭރު ބައެއް ރާއްޖެއަށް އަތްދަދަކޮށް ގުދުރަތީ މި ސުވަރުގެއެއްފަދަ ގައުމުގެ އަމާންކަން ގެއްލުވާނެ ކަމަށް ސަރުކާރު ދިޔައީ ފާރަވެރިވަމުންނެވެ.
މިއަދު އަޅުގަނޑުމެން މި ދެކެމުންދަނީ މިިނިވަންކަމެވެ. އެހެންކަމުން މިދުވަސް އެންމެ ރަނގަޅު ގޮތުގައި ފާހަގަނުކުރެވި ފަޑުވަމުންދަނީ ކީއްވެތޯއެވެ. މިއީ އެއްޖީލުން އަނެއްޖީލަށް ވާރުތަވާން ޖެހޭ ކަމެއްނޫންތޯއެވެ. ހަނގީގަތުގައި މީގެ ކުރިން މި ދުވަސް، ފާހަގަކުރާ މިންވަރަށް ފާހަގަކުރެވޭނަމަ ދުވަހުގެ އިހުސާސްތައް ދިރިދިރިހުންނާނެކަން ޔަގީނެވެ.
ރައީސް މައުމޫންގެ ދައުރުގައި ރާއްޖޭގެ މިނިވަން ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރިއެވެ. ސުކޫލުތަކުގެ ދަރިވަރުންނަށް ގައުމީ ދިދައިގެ ހިޔަލުން މިނަވަންކަން ވިހުރޭގޮތްވެސް ވަރަށް ތަފްސީލްކޮށް ކިޔައިދިނެވެ. އޭރު މަރުހޫމް ޝިހާބުމެން ފަދަ ބޭފުޅުންގެ ތަގުރީރުތަކުން ހިތްތައް ކައްކުވާލައެވެ. އެބޭބޭފުޅުންގެ މޮޅެތި ތަގްރީރު ތަކުން ހިތްތައްވެސް އޭރު ހޭލައްވާލައެވެ. ރޭޑިއޯ ޕްރޮގުރާމްތައްވެސް ހުންނަނީ މިނިވަން އަޑުން މިނިވަންކަންމަތީގައެވެ.
ނަމަވެސް މިއަދު ގައުމު މިއޮތީ މިނިވަން ކަންމަތީ ނިދާލާފަބާއެވެ.؟ ފާއިތުވި 10 ، 15 ވަރަކަށް އަހަރުތެރޭގައި މިނިވަންދުވަސް ފާހަގަކޮށް އެދުވަހުގެ މުހިންމުކަން ހެދިބޮޑުވަމުންއަނަ ކުދިންނަކަށް ކިޔައިދޭތަނެއް ނުފެނެއެވެ. ސުކޫލުތަކުންވެސް އެފަދަ މަންޒަރުތަކެއް ފެންނަނީ މަދުންނެވެ. މިއީ މުހިންމު ދުވަހެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ނުކުރެވެނީބާއެވެ.
މިހާރަކަަށް އައިސް މިނިވަންދުވަހު ފެންނަ މަންޒަރަކީ މުވައްސަސާތަކުގެ ބޭރުގައި ދިދަ ދެމުމާއި ސަރުކާރުގެ ރަސްމީ އެންގުމަށް ކޮންމެ ރަށެއްގައި ރަސްމިއްޔާތަކާ އެކު ދިދަނެގުމެވެ. ސުކޫލުކުދިން ސަގާފީ ހެނދުމުގައި ސުކޫލަށް ނެރުންފަދަ އިގިލިން ގުނާލެވޭ މަދުކަމެކެވެ.
މިނިވަންކަމުން އަޅުވެތިކަމަށް އަނެއްކާވެސް ގޮސްދާނެބާއެވެ. ކަނޑިއާ ބަޑިން ހަމަލާ އަމަލާ އަމާޒު ނުވިޔަސް، ފިކުރާއި ސިނކުޑި ދޮވެލުން މިއީ ފެންނަން ފަށާފައިވާ ހަނގީގަތެވެ.

