ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ކޯސްތަކެއް ފަށަން ނިންމައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ކޯހެއް މި އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޯހަކީ ބައިވެރިން ޚިޔާރުކުރާ ދާއިރާތަކުން ކުރިއަރާނެ ގޮތަށް، ހުނަރު ތަރައްޤީ ކުރުމަށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަކީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ޤައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކޯސް ފުރިހަމަ ކުރާ އެންމެހައި ފަރާތްތަކަށް ގޭގެއަށް ގޮސް އިލެކްޓްރިކަލް މަސައްކަތްކުރުމުގެ ލައިސެންންސް ވެސް ލިބިގެންދާނެއެވެ.
4 އޮގަސްޓުގައި ފެށިގެންދާ މި ކޯހަކީ 6 މަސްދުވަހުގެ ކޯހެކެވެ. މިގޮތުން ހަފްތާގެ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 4 އަކުން ރޭގަނޑު 7 އަކަށް މިކޯހުގެ ކްލާސްތައް ކުރިއަށްދާނެއެވެ.
މިފަދަ ކޯސްތަކަކީ، މުޖުތަމަޢުގައި އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މުހިންމު މަސައްކަތުގެ ބައެކެވެ. އެއާއެކު، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް އެޅިގެންދާ މުހިމްނު ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

