ދެއްކުންތެރިކަމަކީ ފަސާދަ އެކެވެ! ޒައްރެއްގެ މިންވަރަށްވެސް ދެއްކުންތެރިކަމާ ގާތް ނުވާށެވެ!


ދެއްކުންތެރިކަމަކީ މިއެވެ. މީހުންނަށް ދެއްކުމަށް ކަން ކުރުމެވެ. މީހުންގެ ކިބައިން ލިބޭނެ މޮޅެތި ބަސްތަކަކަށްޓަކައި ނުވަތަ ލިބޭނެ ސާބަހާއި ތައުރީފަށްޓަކައި އެކަން ކުރުމެވެ. ބައެއް މީހުން މިފަދަ ޢަމަލުތައް ކުރަނީ ﷲގެ ރުއްސެވުން ހޯދުމުގެ ބަދަލުގައި މީސްތަކުންނަށް ދެއްކުމަށްޓަކައެވެ. އަނެއްބައި މީހުންނަށް ވާގޮތަކީ ޢަމަލުގެ ވަކިހިސާބަކުން ދެއްކުންތެރިކަން ވަންނަނީއެވެ. އަޅުގަނޑުމެންގެ ހައްވައަށް ވީހެންނެވެ. އަޅުގަނޑުމެން ހެޔޮ ޢަމަލެއް ކުރާ ކަމުގައިވާނަމަ އެޢަމަލު ޤަބޫލުވުމުގައި ދެ ޝަރުތެއް ވެއެވެ.

ދެއްކުންތެރިކަމާ ގާތް ނުވާށެވެ!……ފޮޓޯ:ފްލަޔަރ
މި ދެ ޝަރުތުވާކަމުގެ ދަލީލަކީ ކަހަފު ސޫރަތުގެ 110ވަނަ އާޔަތެވެ.
މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގެ މާނަައިގައި ވެއެވެ.
"(އޭ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކަލޭގެފާނު ވިދާޅުވާށެވެ. އަހަރެންނަކީ ހަމަތިޔަބައިމީހުންފަދަ އިންސާނެކެވެ. ތިމަންކަލޭގެފާނަށް ވަޙީކުރެއްވިގެންވަނީ ތިޔަބައިމީހުންގެ އިލާހަކީ އެއްވެސް ޝަރީކެއްނުވާ އެންމެ އިލާހެއްކަމެވެ. (އެއީ ﷲ ޞުބުޙާނަހޫ ވަތަޢާލާއެވެ). ފަހެ އެމީހެއްގެ ވެރިރައްބާއި ބައްދަލުކުރަން އެދޭ މީހާ ހެޔޮ ޢަމަލުކުރާށެވެ. އަދި އެއްވެސް އަޅުކަމެއްގައި އެއިލާހާ އެއްވެސް ފަރާތެއް ޝަރީކުނުކުރާށެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ފުދިވޮޑިގެންވާ އިލާހެވެ. އެއިލާހަށް އެއިލާހުގެ އުފެއްދެވި އަޅުތަކުންގެ މައްޗަކަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. ނަމަވެސް އެއިލާހަށް ބޭނުންވެގެންވާ ބަޔަކީ ނިކަމެތި އަޅުގަނޑުމެންނެވެ. އެއިލާހުގެ އުފައްދަވާ ޚަލްޤުކުރައްވާއިވާ މަޚުލޫޤުންނެވެ.
ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ ތަބަރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ. ތިމަން އިލާހުވަނީ ޝަރީކުކުރާ މީހާގެ ޝިރުކުގެ މައްޗަށް މުއްސަނދިވެވޮޑިގެންނެވެ. މީހަކު ކުރާ ޢަމަލެއްގައި ތިމަން އިލާހާއި އެއްވެސް ފަރާތަކާއި ޝަރީކުކުރާ ކަމުގައިވާނަމަ ތިމަންއިލާހު އެފަރާތަކާއި އަދި އެފަރާތެއްކުރާ ޝިރުކު ދޫކޮށްލާ ހުށީމެވެ."
އެބަސްފުޅުގެ މުރާދަކީ އެއްވެސް ބާވަތެއްގެ ޝަރީކެއް ހުއްދަވެގެން ނުވާކަމާއި އަދި އެފަދަ ކަމެއްކޮށްފިމީހެއްގެ ޢަމަލު ޤަބޫލުވެވިގެން ނުވާކަމެވެ. އަދި އެކަން ކުރާ ފަރާތަށް އެއްވެސް ހެޔޮކަމެއް ލިބިގެންނުވާކަމެވެ.
މިއީ އިސްލާމްދީނުގައި ނުހަނު ގަދައަށް އެކަންމަނާ ކުރާ ކަމެކެވެ. މިއީ ޝިރުކުގެ އަމަލެކެވެ. ދެއްކުންތެރިކަމަކީ ކުޑަ ޝިރުކުކުރުން ކަމަށްވެސް ބަޔާން ވެފައިވެއެވެ. އަދި އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގައި ދެއްކުންތެރިކަން ހިމެނޭ ކަމުގައިވާނަމަ އެކަމާއި މެދު ބިރުވެތިވެ އެކަމުން ބިރުވެތިވެ އަޅުގަނޑުމެންގެ ކުރާ ކޮންމެ ހެޔޮކަމެއް ﷲ އަށް އިޚުލާސްތެރިކަމާއި އެކުގައި ކުރުން ހުއްޓެވެ.
އެހެނީ އަޅުގަނޑުމެންގެ ޢަމަލުތައް ޤަބޫލުވެވުން އޮންނަނީ އިޚުލާސްތެރިކަމާއި އަދި ރަސޫލާ މުހައްމަދު ޞައްލަﷲ ގެ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތިންކުރެވޭ ޢަމަލުތަކެވެ. ވީމާ އަޅުގަނޑުމެންނަށް ދެއްކުމަށްޓަކައި ހައްވަކުރިފަދައިން ކުރެވޭ ޢަމަލުތަކާއި އަދި ސީދާ ދެއްކުމަށްޓަކައި ކުރެވޭ ޢަމަލުތަކުން ސަލާމަތް ވަމާތޯއެވެ! ދެއްކުންތެރިކަމަކީ ފަސާދައެކެވެ.
ވީމާ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ޝަރީކުކުރުމެއްނެތި އިޚުލާސްތެރިކަމާއެކު އެއިލާހު އެއްކައުވަންތަކުރާ ޞާލިޙު އެއިލާހާއި ބައްދަލުވުމުގެ އެދުމުގައި ދެމިތިބޭ ބަޔެއްކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭންގި ކުރެވޭ ފާފަތަކުން އަޅުގަނޑުމެންނަށް ފާފަ ފުއްސަވައި ރަނގަޅު ޞާލިޙު ހެޔޮލަފާ މުސްލިމުންގެ ތެރެއިން ލައްވައި މުސްލިމުންގެ ގޮތުގައި މަރުގަންނަވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން
ނޯޓް: އަސްލު ނަގާފައި ވަނީ ދުރޫސުއް ތައުހީދު.