އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި އޮގަންޓު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބޭސިކް ސައިން ލޭންގުއޭޖް ކޯހުގައި ބައިވެރިވުމަށް ސަރުކާރުގެ މުއައްސަސާތަކަށް ހުޅުވާލައިފިއެވެ.
ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުޢާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކުރެވިފައިވާ ކޯހެކެވެ.
އެވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ވަނީ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އެ ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ. އެ ކޯހުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 28 ޖުލައިއެވެ. އަދި ކޮންމެ އިދާރާއަކުން ވެސް މަދުވެގެން 2 ބޭފުޅަކު އެ ކޯހުގައި ބައިވެރިވުމަކީ ކޮންމެހެން ބޭނުން ކަމެއްކަންވެސް ވަނީ ބުނެފައެވެ.
ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ އެ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެޗް ތަކަކަށް ބަހާލައިގެން ކަމަށާއި، ކުރިއަށްދާނީ ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށްކަމަށް ވެސް ބުނެއެވެ.

