ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް އަންނަ ސެޕްޓެމްބަރުމަހު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމުގައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާކަމުގައި ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެކިރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދަރިވަރުން އެމަނިކުފާނުގެ ކިބައިން އެންމެބޮޑަށް އެދުނު އެއްކަމަކީ ސްކޫލްތައް އޭސީކުރުން ކަމުގައެވެ. އެގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢުވެސް މިހާރު ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވަޢުދުކަން ފާހަގަކުރައްވައި މިހާރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގައި މާއްދާއެއްގެ ގޮތުގައި ޤައުމިއްޔަތު ކިޔަވައިދޭން ފަށާފައިވުމާއި ސްކޫލް އެސެމްބްލީގައި މިހާރު ޤައުމީ ސަލާން ކިޔަމުން ދިއުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނެޝަނަލް އައިޑެންޓިޓީއެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވައިގެން ސަރުކާރުން ކުރިޔަށްގެންދަވާކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

