ސޯލިހު އދ. ގައި ތަގުރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހޯދަން އެދިފައިވަނީ މިހާރު އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މަޖިލިސް މެމްބަރު، އަހުމަދު އަޒާންއެވެ.
2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ސޯލިހު މި ދަތުރުފުޅު ކުރައްވާފައިވާއިރު، އޭރު ނޫސްވެރިއަކަށް މަސައްކަތް ކުރެއްވި އަޒާން އެ މައުލޫމާތު ހޯދަން އެދިފައިވަނީ އެމަހުގެ 27 ވަނަ ދުވަހުއެވެ.
އެ މައުލޫމާތު އޭރު ހާމަނުކުރަން މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައިވާއިރު، މިމަހުގެ 23 ވަނަ ދުވަހު އޭޖީ އޮފީހުން ވަނީ އެ ނިންމުން ބަދަލުކޮށް، ރައީސް އޮފީހުން މައުލުމާތު އާންމު ކުރުމަށް ލަފާ ދީފައެވެ.
އަޒާން މިކަން ހާމަކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ލިބިފައިވާ ކަމަށާއި އެއީ 2021 ވަނަ އަހަރު އޭނާ ހޯދަން އެދިފައިވާ މައުލޫމާތެއް ކަމަށެވެ. އެ ރަސީދުތައް ހާމަކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
“އިބްރާހީމްގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް މިވަނީ ލިބިފައި. މިއީ 2021 ވަނަ އަހަރު އަޅުގަނޑު ހޯދަން އެދުނު މައުލޫމާތެއް. މި ރަސީދުތައް ހާމަ މިކުރެއްވީ ރައީސް ޑރ މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން،" އެ މައުލޫމާތު މިހާރު ހާމަކޮށްފައިވާކަން ހާމަކުރެއްވީ ވެސް އަޒާންއެވެ.

