މިފްކޯއަށް މަސްކިރާ ނިންމާތާ ދެ ހަފްތާތެރޭގައި މަސްވެރިންނަށް ހައްގުވާ އުޖޫރަ ދެވޭނެ ކަމަށް ފިޝަރީޒް އެންޑް އޯޝެން ރިސޯސެސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެސްއެސްޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ކޮންމެ ދެ ހަފުތާއަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި އެ ގޮތަށް ގަވާއިދުން މަސްވެރިންނަށް ފައިސާ ދެމުން އަންނަ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ބަދަލުތަކަކަކީ މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭން އަމާޒުކޮށްފައިވާ މުއްދަތުގައި ފައިސާ ނުދެވުމުގެ މައިގަނޑު ސަބަބު ކަމަށާއި އެގޮތުން، ކުރީ ސަރުކާރުން ސިޔާސީ މަންފާއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރި އިރު އެ ސަރުކާރަށްވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން މިފްކޯގެ ބްރޭކް އީވެން 12 ރުފިޔާއާއި ގާތަށްވެސް ނާންނަކަމަށާއި ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް ހަލާސްކޮށް، ބެކްލޮގް ކްލިއަރ ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން 48 ގަޑިއިރުތެރޭގައި މަސްވެރިން ކިރާ މަހަށްވާ ފައިސާ މަސްވެރިންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި މާކެޓަށް ނެރޭ ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް އިތުރުކުރަން މަސައްކަތްތަކެއް ކުރެވެމުންދާ ކަންވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޕްރޮސެސިން ކެޕޭސިޓީ އިތުރުވުމުން، މަސް ބޭރުކޮށްގެން 190 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

