ކަރަންޓާއި ނުލައި ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދަޢުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި މިއަދު ބޭއްވި ހަފްލާގައި ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ހިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތް ހީނަރުވެ، ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެ ކަމަށެވެ.
ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ދައުލަތަށް ހިދުމަތް ކުރުމުގެ ިއިނާމު ލިބުނު އެ ކުންފުނީގެ މުވައްޒަފުންނާއެކު
"އަޅުގަނޑުމެން ހިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަގުބަލްގައި ހިދުމަތް ކުރާނީ ދިވެހި ދައުލަތަށް. އެހެންކަމުން ދިވެހި ދައުލަތަށް ޚިދުމަތްކޮށްދިނުމުގައި. އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގައި ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ހިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަގީން ދެއްތޯ؟ ސްޓެލްކޯއަށް ހިދުމަތް ކުރުމަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ހިދުމަތުގައު، ރައްޔިތުންނަށް މި ދޭ ގިދުމަތުގައި އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަގީންކަމެއް"، ފަހުމީ ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެެއްވީ ހުކުރު ދުވަހު، ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

