ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަހަކު އެއް ފަހަރު ނެރެމުން އައި މަޖައްލާ "ހިދާޔަތުގެ އަލި" އަލުން ނެރެން ފަށައިފިއެވެ.
ދިގު 8 އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް "ހިދާޔަތުގެ އަލި" ކިޔަން ލިބުމަކީ ދީނީ އިލްމުން މައުލޫމާތު ދެނެގަނެ ކަންކަމުގައި ދީނީ މަޝްވަރާތަކާއި ހިޔާލުތައް ބޭނުންވާ ދިވެހިންނަށް ލިބުނު އުފާވެރި ހަބަރެކެވެ.
ދީނީ ޢިލްމުވެރިންގެ ގިނަ ލިޔުންތައް ހިމެނޭ ގޮތަށް ނެރޭ "ހިދާޔަތުގެ އަލި" މަޖައްލާ އަލުން ނެރެން މިފެށީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތީންނެވެ، އަދި މަޖައްލާގެ ހުރިހައި މަސައްކަތްތެއް އެވުޒާރާގެ މުވައްޒަފުން ކުރައްވާފައިވާއިރު މި ފަހަރުގެ ހިދާޔަތުގެ އަލި މަޖައްލާގައި ވެސް އިސްލާމް ދީނާ ގުޅޭ ތަފާތު އެކި މަޢުޟޫޢުތަކަށް ދީނީ ޢިލްމުވެރީންގެ ލިޔުންތައް ހިމެނޭނެއެވެ.
‘ހިދާޔަތުގެ އަލި، މަޖައްލާގައި އިސްލާމް ދީނުގެ އެންމެ މައިގަނޑު އެއް ބައިކަމަށްވާ
- ސުލޫކާއި އަޚުލާޤިއްޔާތު
- އިސްލާމީ ޝަރީއާ
- އިސްލާމީ ސަގާފަތް
- ޚުލަފާއުއްރާޝިދޫންގެ ޚިދުމަތުގެ އުސްއަލިތައް
- ކައު ރަސޫލާގެ ސީރަތް
މިބައިތަކުގެ އިތުރުން، އިސްލާމީ އިޤުތިޞާދާއި ދީނުގެ ކަންކަމުގެ މައްޗަށް މީހުން އުފައްދައިފައި ހުންނަ ޝުބުހާތަކާއި އެ ފަދަ ޝުބުހާތަކުގެ ރައްދު ފަދަ ކިތަންމެ ކިތަންމެ ޝިޢާރެއްގެ ދަށުން އެކި ބޭފުޅުން ލިޔުއްވައިފައިވާ ލިޔުންތައް ހިމަނާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ އަންހެނުންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދީންނަށް ޚާއްޞަކުރެވޭ ބަޔަކާއި އިޖުތިމާޢީ މައްސަލަތަކާއި އޭގެ ޙައްލުގެ ވާހަކަ ވެސް މި މަޖައްލާގައި ހިމެނޭނެއެވެ.
އަދިވެސް އިތުރަށް ތިން ޙަރަމްފުޅަށް ޚާއްޞަ ވާހަކަތަކާއި މި ވުޒާރާގެ މުހިންމު ނިންމުންތަކާއި އިސްލާމީ ދުނިޔޭގެ މުހިންމު ޚަބަރުތައް ވެސް މި މަޖައްލާގައި ގެނެސްދެވޭނެއެވެ.
ހިދާޔަތުގެ އަލި، އުއްމަތުގެ އަހުންނާއި އުހުތުންނަށް މަޖައްލާ މެދުވެރިކޮށްޢިބްރަތްތެރި ދީނީ ކުރު ވާހަކަތަކާއި އަލަށް އިސްލާމްވާ މީހުންގެ ވާހަކަތައް ވެސް ފޯރުކޮށްދެވޭނެއެވެ. މީގެ ކުރިންވެސް މިފަދަ ވާހަކަތަކަކީ އަދި ލިޔުންތަކަކީ ދިވެހިންގެ މެދުގައިނުހަނު ބޮޑަށް މަގުބޫލުވެގައިވާ ލިޔުންތަކެކެވެ.

