ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި، ރަތް ދޫލައިގެ ހޫނު މަރުހަބާއަކާއެކު ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
މި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުން ސްޓޭޓް އިލެކްޓް ކޮންޕެނީ ލިމިޓެޑް(ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ޝަރަފާ މެޑަލް ޙާޞިލުކުރެއްވި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވައި އައްސަރިބަހާ ސާބަސް އަރިސްކުރައްވާފައެވެ.
"ރެއަކީ ސްޓެލްކޯގެ 74 އަހަރުގެ ތާރީޚާއި އަޅުގަނޑުގެ ޙަޔާތުގައި އައި އުފާވެރި ރޭތަކުން ރެއެއް. ދިވެހި ދަޢުލަތާއި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ދެމިތިއްބެވި ސްޓެލްކޯގެ 16 މުވައްޒަފަކަށް ދަޢުލަތަށް ޚިދުމަތްކުރުމުގެ ޝަރަފާ މެޑަލް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން ލިބިގެންދިޔަ ތާރީޚީ ރޭ. މި އުފާވެރި މުނާސަބަތުގައި ޝަރަފާ މެޑަލް ޙާޞިލުކުރެއްވި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވައި އައްސަރިބަހާ ސާބަސް އަރިސްކުރަން."
ފަހުމީ ވިދާޅުވީ ދަޢުލަތަށް ޚިދުމަތްކުރުމުގެ ޝަރަފާ މެޑަލް ޙާޞިލްކުރެއްވި ބޭފުޅުންނަކީ އެ ބޭފުޅުންގެ ޢުމުރުގެ ބޮޑު ބައެއް އިޚުލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރެއްވި ނަމޫނާ ޝަޚުޞިއްޔަތުތަކެއް ކަމުގައެވެ. އަދި އެ ބޭފުޅުންގެ ނަން ސްޓެލްކޯ އާއި ދިވެހި ޤައުމީ ތާރީޚުގައި ލިޔެވިގެންދާނީ ރަން އަކުރުން ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ، އަދި ދުޢާއަކީވެސް، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެ ބޭފުޅުން ފަދައިން ވަރުބަލިކަމެއް، ފޫހިކަމެއް ނެތި ޤައުމީ ޚިދުމަތުގައި ތިބެ، އަންނާން އޮތް ޖީލުތަކަށް މިސާލު ދައްކާނެ ބަޔަކަށް ވުން،" ފަހުމީ ވިދާޅުވިއެވެ.

