މާލެސިޓީ މާފަންނު ފަޅު ގެއެއްގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ރޯވެފައި ވަނީ ބުރުޒުމަގުގައި ހުންނަ މ. އޯކިޑްޕްލާޒާގޭގައި ކަމަށެވެ. ރޯވެފައިވަނީ އެތަނުގައި ހުރި ކުނިތަކެއްގައި ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް މަންޒަރުތަކުން ފެންނަ ގޮތުގައި، ރޯވެފައިވަނީ އޯކިޑްޕްލާޒާގޭގެ ފުރަތަމަ ފަންގިފިލާގައެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް އެވަގުތު ހަރަކާތްތެރިވަމުން ދިޔައެވެ.
އެ ހާދިސާގެ މައުލޫމާތު ރޭ ފަތިހު 3:30 ހާއިރު ލިބުމުން، ސިފައިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 4:50 ހާއިރު ކަމަށް، އެމްއެންޑީއެފް މައުލޫމާތު ދެއެވެ.
މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

