މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯފުޅާ ކުރުމަށް އަމަޑިއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އެމަޑިއަސް ޖީޑީއެސް) އާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ހަދައި މަސައްކަތް ފަށައިފިއެވެ.
މޯލްޑިވިއަނުން ބުނީ މި ކޯލަބްރޭޝަނަކީ އެ ކުންފުނީގެ އަގުހުރި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ކަސްޓަމަރުންނަށް ޓްރެވަލް އެކްސެސިބިލިޓީ އާއި ލުއިފަސޭހަކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ބިލިން އެންޑް ސެޓްލްމަންޓް ޕްލޭން (ބީއެސްޕީ) ގައި އަމަޑިއަސް ޖީޑީއެސްއާ އެކު މޯލްޑިވިއަނުން ބައިވެރިވުމުގެ ސަބަބުން އިންޑިއާގައި އައިއޭޓީއޭ އިން އެކްރެޑިޓްކޮށްފައިވާ ބީއެސްޕީގެ ބައެއް ޓްރެވަލް އެޖެންޓުންނަށް 2-986 ވަނަ ކުއާޓަރުގެ ޓިކެޓް ޕްލޭޓް ބޭނުންކޮށްގެން އެމަޑިއަސް ޖީޑީއެސް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް އީ-ޓިކެޓް ދޫކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އައިއޭޓީއޭ އިން އެކްރެޑިޓްކޮށްފައިވާ ބީއެސްޕީގެ ހުރިހާ ޓްރެވަލް އެޖެންޓުންނަށް ވިއްކުމުގެ ފުރުސަތު އޮގަސްޓް 14 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ އަމާޑިއަސް ޖީޑީއެސް އާއި އައިއޭޓީއޭގެ ބީއެސްޕީއާ އެކު މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ގާބިލްކަން ފުޅާކޮށް، އަގުހުރި ޕާޓްނަރުންނާއި އެކު ކުރިއަރަމުން އަންނަ ރޫޓް ނެޓްވޯކްގެ ތެރޭގައި މެދުނުކެނޑި ގުޅާލައި ދަތުރުކުރުމުގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށެވެ. މި ސްޓްރެޓެޖިކް ކޯލަބްރޭޝަންތަކުގެ ސަބަބުން ދަތުރުފަތުރުގެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެ، ކުރިއަށް އޮތްތަނުގައި ވިޔަފާރިއަށާއި ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ފުރުޞަތުތަކާމެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
މިހާރުވެސް މޯލްޑިވިއަނުން ތިން މަންޒިލަކަށް ހަފުތާއަކު 13 ފްލައިޓް ބާއްވަ އެވެ. ކޮޗިން (ސީއޯކޭ) އަށް ހަފުތާއަކު ހަތަރު ދަތުރު، ތިރުވަނަންތަޕޫރަމް (ޓީއާރްވީ) އަށް ހަފުތާއަކު ފަސް ދަތުރު އަދި އޭ320 ގައި ބެންގަލޫރު (ބީއެލްއާރް) އަށް ހަފުތާއަކު ދެ ދަތުރުކުރެއެވެ. މިއާއިއެކު ހަނިމާދޫއިން ވެސް ހަފްތާއަކު 2 ދަތުރު ޓްރިވަންޑްރަމަށް ކުރަމުންދެއެވެ.
ލްޑިވިއަން އިން މި ރޫޓުތަކުގައި ފުލް ސާވިސް ޕްރޮޑަކްޓެއް ފޯރުކޮށްދޭއިރު، އިންޑިއަން ބީއެސްޕީގައި ބައިވެރިވުމާއެކު ޖީޑީއެސްގައި ވިއްކަން ހުޅުވާލުމުން ގައުމުތަކުގެ މެދުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން 17 އެއަރޕޯޓެއް ހިމެނޭ މޯލްޑިވިއަންގެ ޑޮމެސްޓިކް ނެޓްވޯކަށް އެޖެންޓުންނަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި، އެގޮތުން ލަގްޒަރީ ރިސޯޓްތަކުން ފެށިގެން ރާއްޖޭގައި ހެޔޮ އަގުގައި ޗުއްޓީ ހޭދަކުރެވޭނެ އެންމެ ޓްރެވަލް އިޓިނަރީއެއް ވެސް އެޖެންޓުންނަށް ލިބިގެންދާނެއެވެ.
މޯލްޑިވިއަން އިން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސްއާ އެކު އިންޓަލައިން ޕާޓްނަޝިޕްތަކެއް ގާއިމުކޮށްފައިވާއިރު، ކުރިއަށް އޮތް ކުއާޓަރުތަކަށް އިތުރު ހިތްގައިމު އިންޓަނޭޝަނަލް އެއާލައިން ޕާޓްނާޝިޕްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

